ކަޅު ބާޒާރުގައި ޑޮލަރު ކޮންޓްރޯލް ކުރަނީ ޑޮލަރުން އާމްދަނީ ލިބޭ މަދު ވިޔަފާރިތަކެއް: މުނައްވަރު
Kalhu baazaarugai dollar controll kuranee dollarun aamdhanee libey madhu viyafaarithakeh: Munnawar

ކަޅު ބާޒާރުގައި ޑޮލަރު ކޮންޓްރޯލް ކުރަމުންދަނީ ޑޮލަރުން އާމްދަނީ ލިބޭ މަދު ވިޔަފާރިތަކަކުން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވިދާޅުވީ، ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށާއި، ނަމަވެސް މެދުއިރުމަތީގެ ހާލަތާ ގުޅިގެން ވެސް ޑޮލަރުގެ އަގު އެ މިންވަރަށް އުފުލެން ޖެހޭ ސަބަބެއް ފެންނަން ނެތް ކަމަށެވެ.
ގަވަރުނަރު މުނައްވަރު ވިދާޅުވީ ޑޮލަރުން އާމްދަނީ ލިބޭ ބައެއް ފަރާތްތަކުން މަނީ އެކްސްޗޭންޖުތައް މެދުވެރިކޮށް ކަޅު ބާޒާރުގައި އަގުބޮޑުކޮށް ޑޮލަރު މާރުކުރަމުންދާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާމެދު ގާނޫނު ތަންފީޒުކޮށް ތަހުގީގެއް ހިންގުމަށް ފުލުހުންނަށް މިހާރު އަންގާފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން އެމްއެމްއޭއިން ކުރި ދިރާސާތަކަށްފަހު، އަގުބޮޑުކޮށް ޑޮލަރު ވިއްކަމުންދިޔަ ތަނެއް ފާހަގަކުރެވިގެން މިހާރު ބަންދުކޮށްފައިވާ ކަމަށްވެސް ހާމަކުރެއްވިއެވެ.
“ވަރަށް ބޮޑު ސްޕެކިއުލޭޓިވް އިލެމެންޓްތަކެއް އުޅޭކަން އަޅުގަނޑުމެންނަށް އެނގޭތީވެ، އަޅުގަނޑުމެން މަނީ ޗޭންޖަރުންގެ އޮޕަރޭޝަންތައް މިދިޔައީ ވަރަށް ބޮޑަށް މޮނީޓާކުރަމުން. މިގޮތަށް ކުރި ދިރާސާތަކުން ފާހަގަވަނީ %20 ގައި މާރުކުރަމުންދާއިރު ވެސް ބޭރު ފައިސާއިން އާމްދަނީ ލިބޭ ވަރަށް ގިނަ ފަރާތްތަކެއް ބްލެކް މާކެޓް މަނީޗޭންޖަރުން މެދުވެރިކޮށްވެސް ވަރަށް ބޮޑަށް ލާރި ދައުރު ކުރާކަން،” މުނައްވަރު ވިދާޅުވިއެވެ.
ކަނޑައެޅިފައިވާ ރަސްމީ ރޭޓަށްވުރެ މަތީ އަގުގައި ނުވަތަ ބޭންޑުން ބޭރުން ބޭރު ފައިސާ ވިއްކުމާއި، އެފަދަ ރޭޓުތައް އިޝްތިހާރު ކުރުން މަނާކުރާ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ފާސްކޮށްފައެވެ. މި އިސްލާހުގެ ދަށުން، ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ އަމިއްލަ ފަރުދުން 25،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު، ވިޔަފާރިތަކާއި ގާނޫނީ ޝަޚްސުތައް އެއްލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ގަވަރުނަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފޮރިން އެކްސްޗޭންޖް ގާނޫނު އައުމަށްފަހު އެމްއެމްއޭގެ އިންޓަވޭޝަން ވަނީ ވަރަށް ބޮޑަށް އިތުރުކުރެވިފައެވެ. އެގޮތުން ކިޔަވާ ކުދިންނާއި ބޭސްފަރުވާއަށް ފުރާ މީހުންނަށް ޑޮލަރު ދިނުން ހިމެނޭހެން، ޖުމްލަ އިންޓަވޭޝަން މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 51 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މުހިންމު ސަޕްލަޔަރުން ބަލައި އެފަރާތްތަކަށް އިންޓަވޭޝަން އިތުރުކުރުމުގެ މަސައްކަތާއި، މުދާ ގަތުމުގައި ހަދާ ފޭކު ޓީޓީ ހުއްޓުވުމަށް ހޯމްލޭންޑް މިނިސްޓްރީއާ ގުޅިގެން ހާއްސަ މޮނީޓަރިން ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް މުނައްވަރު ވިދާޅުވިއެވެ.




