ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގައި ހިމެނޭ ދެ މީހެއްގެ އަޑުއެހުން މާދަމާ

Raees Nasheedhah hamalaadhin mahsalaagai himney dhe meehehege adu ehun maadhama

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވާ ހަ މީހުންގެ ތެރެއިން ދެ މީހެއްގެ ޝަރީއަތުގެ އަޑުއެހުން މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މާދަމާ އަޑުއެހުން ތާވަލުކޮށްފައިވަނީ ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމް އަދި ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީގެ މައްޗަށް ހިންގާ ޝަރީއަތެވެ. އެގޮތުން ފަހުމީގެ އަޑުއެހުން ހެނދުނު 9:00 އަށް ތާވަލުކޮށްފައިވާއިރު، ހައިޝަމްގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރުފަހު 14:00 އަށެވެ.

މި މައްސަލައިގައި ހައިޝަމްގެ މައްޗަށް އުފުލާފައިވަނީ ނިރުބަވެރި އަމަލެއް ހިންގުމުގައި ބައިވެރިވުމާއި، ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ އިތުރުން ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. އަދި ފަހުމީގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ނިރުބަވެރި އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މެއި 6، 2021 ގައި ރައީސް ނަޝީދަށް ހަމަލާދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރުމަގާއި މަޖީދީމަގު ގުޅޭ ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބާރުގަދަ ބޮމެއް ހަރުކޮށްގެންނެވެ. ބެއަރިން ބޯލްސްތަކެއް އަޅައިގެން ތައްޔާރުކޮށްފައިވާ މި ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައިވަނީ އެމަނިކުފާނު ކާރުކޮޅަށް އަރައިވަޑައިގަންނަވަން ވަޑައިގެންނެވި ވަގުތުގައެވެ.

މި ހަމަލާއާ ގުޅިގެން ޖުމްލަ ހަ މީހެއްގެ މައްޗަށް ދައުވާ އުފުލިއިރު، އޭގެ ތެރޭގައި ހިމެނެނީ މުޖާޒް އަހުމަދު، ތަހުމީން އަހުމަދު، އަލީ ހައިޝަމް، މުހައްމަދު ނާޒިމް، ފަހުމީ އަލީ އަދި އިސްހާގެވެ. މި މައްސަލައިގައި ބޮން ގޮއްވާލި އަދުހަމްގެ މައްޗަށް ކުށް ސާބިތުވެ މިހާރު ވަނީ ހުކުމްކޮށްފައެވެ. އަދި އަބްދުﷲ އަލީ މަނިކުގެ މައްޗަށް ނިރުބަވެރި ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments