އަހަރުގެ ފުރަތަމަ 6މަހު މީރާ އަށް ނުލިބިހުރި ފައިސާގެ ތެރެއިން 3.4 ބިލިއަން ހޯދައިފި

Aharuge furathama 6 mahu MIRA ah nulibihuri faisaage therein 3.4 billion hoadhaifi

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުލިބި ހުރި ފައިސާގެ ތެރެއިން 3.48 ބިލިޔަން ރުފިޔާ ހޯދާފައިވާ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ދައުލަތަށް ލިބެންޖެހޭ ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމަށް މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނުލިބިހުރި ފައިސާގެ ބޮޑުބައެއް ހޯދާފައިވަނީ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ.

މީރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި 2.09 ބިލިޔަން ރުފިޔާ ހޯދާފައިވާއިރު، ދެވަނަ ކުއާޓަރުގައި ވަނީ 1.39 ބިލިޔަން ރުފިޔާ ހޯދާފައެވެ. ނުލިބި ހުރި ފައިސާ ހޯދުމަށް އެޅި އެކި ފިޔަވަޅުތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދިފައިވަނީ ޑަނިންގް ނުވަތަ ނޯޓިސް ފޮނުވައިގެންނެވެ. އެގޮތުން ނޯޓިސް ފޮނުވައިގެން 2.39 ބިލިޔަން ރުފިޔާ ހޯދާފައިވާއިރު، ޑިއުސް ކްލިއަރެންސްގެ ގޮތުގައި 861.19 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ފޯނާއި އީމެއިލް މެދުވެރިކޮށް ހަނދާންކޮށްދީގެން 192.38 މިލިޔަން ރުފިޔާ، ނަން ހާމަކޮށްގެން 21.45 މިލިޔަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒްކޮށްގެން 14.54 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ.

ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކަށް ފަހުގެ ނޯޓިސް ފޮނުވުން

ދެ ކުއާޓަރުގައި ވެސް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކަށާއި ފައިސާ ނުދައްކާ ފަރާތްތަކަށް މީރާއިން ވަނީ ގިނަ އަދަދަކަށް ފަހުގެ ނޯޓިސް ފޮނުވާފައެވެ. އެގޮތުން ޓެކްސް ބަޔާން ހުށަނާޅައިގެން ފުރަތަމަ ކުއާޓަރުގައި 10,701 ފަރާތަކަށް އަދި ދެވަނަ ކުއާޓަރުގައި 9,798 ފަރާތަކަށް ނޯޓިސް ފޮނުވިއެވެ. އަދި ފައިސާ ނުދައްކައިގެން ފުރަތަމަ ކުއާޓަރުގައި 5,776 ފަރާތަކަށް އަދި ދެވަނަ ކުއާޓަރުގައި 6,586 ފަރާތަކަށް ފަހުގެ ނޯޓިސް ވަނީ ފޮނުވާފައެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައެޅުމަށް މީރާއިން ހިންގި އޮޑިޓްތަކުގެ ތެރެއިން، ފުރަތަމަ ހަ މަސް ދުވަހު ޖުމްލަ 73 އޮޑިޓެއް ވަނީ ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ފުރަތަމަ ކުއާޓަރުގެ 23 އޮޑިޓުން އިތުރަށް ދައްކަން އެންގި 61.92 މިލިޔަން ރުފިޔާ އާއި ދެވަނަ ކުއާޓަރުގެ 50 އޮޑިޓުން ދައްކަން އެންގި 30.35 މިލިޔަން ރުފިޔާ ހިމެނޭހެން، ޖުމްލަ 92.27 މިލިޔަން ރުފިޔާ އިތުރަށް ދެއްކުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން، ޓެކްސް ދައްކަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދުތަކަށް ބޯލަނބާ މިންވަރު ބެލުމުގެ ގޮތުން ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މީރާއިން ވަނީ 2,612 ކޮމްޕްލަޔަންސް ޒިޔާރަތް ކޮށްފައެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު، ބަޔާން ހުށަނާޅާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި ދައްކަންޖެހޭ ޓެކްސް އެސެސްކުރުމުގެ ފުޅާ ބާރުތަކެއް މިހާރު ވަނީ މީރާއަށް ލިބިދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted