ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރި ކަމުގެ 65 މައްސަލައެއް ފުލުހުންނަށް ހުށައަޅައިފި
Qavaaidhaa khilaafah beyru faisaa maarukuri kamuge 65 mahssala eh fuluhunah husha alhafi

ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ބޭރު ފައިސާ މާރުކުރަމުންދިޔަ ކަމުގެ 65 މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނާ ގުޅޭގޮތުން ފުލުހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ހޮޓްލައިނަށް މިހާތަނަށް ލިބިފައިވާ މެސެޖުތަކުގެ ތެރެއިން ޓާސްކްފޯސްގެ މަސައްކަތްތަކާ ގުޅުންހުރި 65 މެސެޖެއް ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި 27 ބިދޭސީއެއްގެ މައުލޫމާތާއި، ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 18 ތަނަކާއި، ގަވާއިދާ ހިލާފަށް ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ 4 ތަނެއްގެ އިތުރުން މިފަދަ މުއާމަލާތްތައް ހިންގާ 16 އޮންލައިން ޕްލެޓްފޯމެއްގެ މައުލޫމާތު ހިމެނެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ލިބުނު މައުލޫމާތުތަކާ ގުޅިގެން މިހާރު ވެސް ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން އެއް ބިދޭސީއަކު މިހާރު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި، ރިޕޯޓުކޮށްފައިވާ އެހެނިހެން ފަރާތްތަކުގެ މައުލޫމާތު ކަށަވަރުކޮށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި، ވިޔަފާރި އުސޫލުން ބޭރު ފައިސާ މާރުކުރުމުގެ އަމަލުތައް ހިންގާ ފަރާތްތަކާބެހޭ މައުލޫމާތު ޓާސްކްފޯސްގެ ނަންބަރު 93888733 އަށް އެސްއެމްއެސް، ވައިބަރ، ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. މައުލޫމާތު ހިއްސާކުރާ ފަރާތްތަކުގެ ވަނަވަރާއި މައުލޫމާތުތައް ފުރިހަމައަށް ރައްކާތެރިކޮށްދެވޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޭރު ފައިސާއާ ބެހޭ ގަވާއިދުތަކަށް ގެނައި އިސްލާހުތަކާއެކު، ރަސްމީ ބޭންކް ރޭޓަށްވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކުމާއި، އެފަދަ މުއާމަލާތްތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމަކީ މިހާރު ގާނޫނީ ގޮތުން މަނާކަމެކެވެ.




