މުޅި ރާއްޖެއަށް މޫސުން ގޯސްވެ ހުދު ސަމާލު ދަމަހައްޓައިފި، ވިއްސާރަ ބުދަ ދުވަހާ ހަމައަށް ދެމިގެންދާނެ

Mulhi raajje ah moosun goasve hudhu samaalu dhamahahtaifi, vihsaara budha dhuvahaai hama ah dhemigendhaane

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވެ، ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ނެރެފައިވާ ހުދު ސަމާލުގެ ވަގުތު މޫސުމާ ބެހޭ ޤައުމީ އިދާރާއިން މެންދުރުފަހު 14:00 އާ ހަމައަށް އިތުރުކޮށްފިއެވެ. މެޓް އޮފީހުން ކުރިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:30 އާ ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ސަމާލުގެ މުއްދަތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކުރަމުން އަންނަ ވިއްސާރައެކެވެ.

ހުޅަނގު މޫސުމުގެ މި ވިއްސާރައިގައި ރާއްޖޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ އެކިވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. އެގޮތުން އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެންވަދެ، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ.

މި ވިއްސާރަ ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ރައްޔިތުންވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ކުރިން ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted