ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ ފަށައިފި

Zuvaan khatheebunge qaumee mahaasinthaa fashaifi

ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާ މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި މަހާސިންތާއަކީ ރާއްޖެ އިސްލާމީ ހިދާޔަތުގައި 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، އަންނަން އޮތް ޖީލުތަކުގައި އިސްލާމީ ޝިއާރު ފާޅުކުރުމަށް އިސްނަގައިގެން މަސައްކަތްކުރާ ޒުވާން ހަތީބުންނަށް ހިތްވަރު ދިނުމުގެ ގޮތުން ބާއްވާ ހާއްސަ ހަރަކާތެކެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާގައި 300 އަށް ވުރެ ގިނަ ޒުވާން ހަތީބުން ބައިވެރިވެއެވެ. މީގެއިތުރުން، މި މަހާސިންތާ ނިމުމަށްފަހު ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވެސް މި ހަތީބުން ރަސްމީކޮށް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޒުވާން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ ދަށުން، ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ހަތީބުންގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށާއި، މި ދާއިރާއިން ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި ފަށާފައިވާ މުހިންމު ޕްރޮގްރާމެކެވެ.

ސްކޫލްތަކުގެ ގްރޭޑް 10، 11، އަދި 12 ގެ ދަރިވަރުންނާއި ސްކޫލް ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފަސް ބުރެއް މިހާތަނަށް ވަނީ ފުރިހަމަކޮށްފައެވެ. އަދި މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 700 އަށް ވުރެ ގިނަ ޒުވާން ހަތީބުން ވަނީ ތަމްރީނުކޮށް ނިންމާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގެ ތެރޭގައި ޖުމްލަ 1000 ޒުވާން ހަތީބުން ތަމްރީނުކޮށް މުޖުތަމައަށް ނެރުމަކީ އެ ވުޒާރާގެ މައިގަނޑު އެއް އަމާޒެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted