50 މިލިއަން ޑޮލަރުގެ ޓީބިލް ދެއްކީ އެސްޑީއެފަށް ޖަމާކުރި ފައިސާއިން: ފިނޭންސް
50 million dollarge t.bill dhehkee SDF ah jamaakuri faisaain: Finance

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް (ޓީ ބިލް) ފެސިލިޓީއަށް ދައްކަންޖެހޭ އެންމެ ފަހު އިންސްޓޯލްމަންޓް ކަމަށްވާ 50 މިލިއަން ޑޮލަރު ދެއްކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައި މިވަނީ، މި ސަރުކާރުން އެ 50 މިލިއަން ޑޮލަރު ދެއްކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުރި ފައިސާއިން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.
އެ ވާހަކަތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވީ، އެސްބީއައި މެދުވެރިކޮށް 2019 ވަނަ އަހަރު ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓީ-ބިލް އަނބުރާ ދައްކާފައިވަނީ ދުރާލައި އެކަމަށް ތައްޔާރުވެ، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދާ ފައިސާ ބޭނުންކޮށްގެން ކަމަށެވެ. އަދި މި މަހުގެ 17 ގައި މުއްދަތު ހަމަވާ މި ޓީ ބިލް ކަނޑައެޅިފައިވާ ތާރީހަށް ދައްކައި ހަލާސް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މެއި 11، 2026 ގައި ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އިއުލާން ކުރައްވާފައިވާ ކަންވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރީގެ ސަރުކާރުން ނެގި މި ފެސިލިޓީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދެއްކީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. އެގޮތުން ޖެނުއަރީ 2024 ގައި 50 މިލިއަން ޑޮލަރު އަދި މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު 50 މިލިއަން ޑޮލަރު ވަނީ ދައްކާފައެވެ. އަދި ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުމާއެކު، މި ފެސިލިޓީގެ ދަށުން ނެގި ދަރަނި މިހާރު ވަނީ އެއްކޮށް ދައްކައި ނިމިފައެވެ.




