ހިތަދޫ ކައުންސިލުން ތަރައްޤީކުރި ވޯޓާ ޕާކް ރަސްމީކޮށް ހުޅުވައިފި
Hithadhoo councilun tharahqeekuri water park rasmeeekoh hulhuvaifi

ލ. އަތޮޅުގައި ތަރައްޤީކުރި ފުރަތަމަ ވޯޓާ ޕާކް، ލ. ހިތަދޫގައި ރަސްމީކޮށް ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
މި މަޝްރޫޢަކީ ހިތަދޫ ކައުންސިލްގެ އިސްނެގުމުގެ މަތިން އެ ރަށުގައި ލޯކަލް ޓޫރިޒަމާއި އިޖުތިމާޢީ ދުޅަހެޔޮކަން ކުރިއެރުވުމަށް އަމާޒުކޮށްގެން ހިންގި ޚާއްޞަ މަޝްރޫޢެކެވެ.
މަޝްރޫޢުގެ މަސައްކަތާއި އެހީތެރިކަން ލިބުނު ފަރާތްތައް
މި ވޯޓާ ޕާކުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 26 ނޮވެމްބަރު 2023 ގައެވެ. މަޝްރޫޢު ފެށިގެން ދިޔައީ ވޯޓާ ޕާކު ސަރަޙައްދުގެ މޫދު ކޮނުމުގެ މަސައްކަތުންނެވެ. މި މަޝްރޫޢުގެ ޢަމަލީ އެންމެހައި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ހިތަދޫ ކައުންސިލްގެ މުނިސިޕަލް، ރޯޑް މެއިންޓެނަންސް އެންޑް ހާބަރ ޑިޕާޓްމަންޓާއި ކައުންސިލްގެ ހުރިހާ މުވައްޒަފުންގެ ބުރަ މަސައްކަތުންނެވެ.
މި މަސައްކަތުގައި ހިތަދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ނިމިދިޔަ ދައުރާއި މިހާރުގެ މެންބަރުންގެ އިތުރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ހިތަދޫ ޓީމާއި، އެމްޓީސީސީ، ހޯކްސް، ފުލުހުންގެ ހިތަދޫ ޕޯސްޓް، ފެނަކަ ހިތަދޫ ބްރާންޗް، ހިތަދޫ ސްކޫލް، ޞިއްޙީ މަރުކަޒު، މެޖިސްޓްރޭޓް ކޯޓް، ހިތަދޫ ޔޫތު ޑިވެލޮޕްމަންޓް އެންޑް ރެކްރިއޭޝަން އެސޯސިއޭޝަން އަދި މޯލްޑިވްސް ރެޒިލިއަންޓް ރީފްސްގެ އިތުރުން ރަށުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ.

ހިތަދޫ ވޯޓާ ޕާކުގައި އިންފްލޭޓަބަލް ޕްލޭ ސެޓާއި ހިލޭ ލައިފް ޖެކެޓް ފޯރުކޮށްދިނުމާއެކު ބޮލަކަށް ދުވާލަކަށް 25 ރުފިޔާގެ ފީއެއް ނަގާއިރު، ޕިކްނިކް ހަޓްތަކުގައި ބާބަކިއު ގްރިލް، ގޭސް އުނދުނާއި ކެއްކުމަށް ބޭނުންވާ ސާމާނު، އައުޓްޑޯ އަދި އިންޑޯ ބެންޗު، ޝަވަރު، ފާޚާނާ ފަދަ ވަޞީލަތްތަކާއެކު ގަޑިއިރަކަށް 150 ރުފިޔާގެ ރޭޓުން ބުކިންގ ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި މަޝްރޫޢާ ގުޅިގެން ކައުންސިލުން އުއްމީދު ކުރަނީ ލ. ހިތަދޫގައި ލޯކަލް ޓޫރިޒަމް ފައްކާވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުޞަތުތައް ފަހިވެގެން ދިއުމެވެ. އަދި މިއީ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުވެ، ރަށުގެ އިޤްތިޞާދަށް ލިބިގެންދާނެ އިތުރު ބާރަކަށް ވެގެންދާނެ ކަމަށްވެސް ކައުންސިލުން ދެކެއެވެ.




