ރަމަޟާންމަހު ދަނޑުވެރިންގެ ބާޒާރުގައި ތަކެތި ވިއްކަން ފުރުޞަތު ހުޅުވާލައިފި
Ramadan mahu dhanduveringe baazaarugai thakethi vihkkan furusathu hulhuvaalaifi

ރަމަޟާން މަހާ ދިމާކޮށް ދަނޑުވެރިންގެ ބާޒާރުގައި ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ވަނީ ހުޅުވާލާފައެވެ.
ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް މާލޭ ސަރަޙައްދުގައި ވިއްކޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ”ދަނޑުވެރިންގެ ބާޒާރު“ ޤާއިމްކޮށްފައިވަނީ މިއަހަރުގެ ތެރޭގައި ހާބަރުގައި ކުރިން ކެފޭ ހިންގި ތަނުގައެވެ. މިއީ ރޯދަ މަހަށް ޚާއްޞަކޮށް ހައްދާ ކާނާގެ ބާވަތްތައް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެކެވެ. މިއަހަރުގެ ރަމަޟާންމަހުވެސް ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ މަޝްހޫރު ރަށްރަށުން މި މާރުކޭޓުގައި ތަކެތި ވިއްކާފައިވާއިރު، މޯލްޑިވްސް ފުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް (އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑެއްގެ އުފެއްދުންތައް ވަނީ ވިއްކާފައެވެ.
މިއަހަރު ލިބުނު ތަރުޙީބަށް ބަލައި، އަންނަ އަހަރުގެ ރަމަޟާންމަހު މި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިވާ ރަށްރަށަށް މިހާރު ފުރުޞަތު ހުޅުވާލާފައިވާއިރު، އެކަމަށް އެދި ހުރިހާ ރަށު ކައުންސިލަކަށް ވެސް ވަނީ އަންގާފައެވެ. އެހެންކަމުން، ޝައުގުވެރިވާ ފަރާތްތަކުން އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ދަނޑުވެރިކަމާބެހޭ ވުޒާރާއަށް އެންގެވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އަދި ނަން ހުށަހަޅާ ރަށްރަށަށް ބަލައި، އަންނަ އަހަރު ރަމަޟާންމަހަށް މާރުކޭޓު ޤާއިމްކުރާނެ ތަނެއް ކަނޑައަޅާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލުގައިވާ ގޮތުން، މި މާރުކޭޓުގައި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވައި އިތުރު އެއްވެސް އެއްޗެއް ވިއްކުމަކީ މަނާ ކަމެކެވެ. މީގެއިތުރުން މި މާރުކޭޓުގައި ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭނެއެވެ.




