މޭ މަހު ދަޅު މަސް ބޭރުކުރި މިންވަރު އިތުރު: ކަސްޓަމްސް
May mahu mass dhalhu beyrukuri minvaru ithuru: Customs

މިއަހަރުގެ މޭ މަހު ރާއްޖެއިން ދަޅު މަސް ބޭރުކުރި މިންވަރު، އޭގެ ކުރީ މަހާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ކަސްޓަމްސްގެ ރިޕޯޓުތަކުން ދައްކާގޮތުގައި މޭ މަހު ރާއްޖެއިން ޖުމްލަ 98 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ މަހުގެ ބާވަތްތަކެވެ.
އެކްސްޕޯޓް އިތުރުވުން
ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހު ދަޅުގައި ބަންދުކުރި މަސް ބޭރުކުރި މިންވަރު ވަނީ އެޕްރީލް މަހާ އަޅާބަލާއިރު %22.5 އިތުރުވެފައެވެ. އެޕްރީލް މަހު 31 މިލިޔަން ރުފިޔާގެ ދަޅު މަސް ބޭރުކޮށްފައިވާއިރު، މޭ މަހު މި އަދަދު ވަނީ 38 މިލިޔަން ރުފިޔާ އަށް އުފުލިފައެވެ.
ރާއްޖެއިން އެންމެ ގިނައިން ބޭރުކުރި މަހުގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ:
- ދަޅު މަސް: 38 މިލިޔަން ރުފިޔާ
- ގަނޑުކުރި ކަޅުބިލަ މަސް: 27 މިލިޔަން ރުފިޔާ
- ގަނޑުކުރި ކަންނެލި މަސް: 18 މިލިޔަން ރުފިޔާ
އެންމެ ގިނައިން މުދާ ބޭރުކުރި ޤައުމުތައް
މޭ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ. އެ ޤައުމަށް 36 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން މުދާ ބޭރުކުރި ތައިލޭންޑަށް ވަނީ 35 މިލިޔަން ރުފިޔާގެ މުދާ ބޭރުކޮށްފައެވެ. މީގެ އިތުރުން ފަރާންސޭސިވިލާތަށް 6 މިލިޔަން، އިންޑިޔާއަށް 5 މިލިޔަން އަދި ޖަރުމަންވިލާތަށް 4 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވެއެވެ.
ސަރުކާރުގެ މަސައްކަތްތައް
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަން ދަށްވެފައިވާ މި ދުވަސްވަރު މަސްވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން މިފްކޯއަށް މަސް ގަންނަ އަގު ވަނީ ކިލޯއެއް 20 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މީގެ އިތުރުން، އިނގިރޭސިވިލާތުން ދިވެހި މަހަށް ނަގަމުން އައި ޓެރިފް ދެ އަހަރުގެ މުއްދަތަށް މެދުކަނޑާލުމަކީ ލިބުނު ބޮޑު ކުރިއެރުމެކެވެ. މިހާރު އަހަރަކު 25 މިލިޔަން ޑޮލަރުގެ މަސް އިނގިރޭސިވިލާތަށް ބޭރުކުރާއިރު، މި ލުއިގެ ސަބަބުން އެ އަދަދު ދެގުނަ ކުރުމުގެ ފުރުސަތު އޮތް ކަމަށް ސަރުކާރުން ލަފާކުރެއެވެ.




