އޯގަސްޓު މަހު ކަރަންޓާއި ވައިގެ ދަތުރުތަކުގެ އަގު ދަށަށް

August mahu karantaai vaige dhathurutahkuge agu dhashah

ރާއްޖޭގައި ކަރަންޓާއި ވައިގެ ދަތުރުފަތުރުގެ ހިދުމަތްތަކުގެ އަގު ހެޔޮވުމާ ގުޅިގެން، ވޭތުވެދިޔަ އޯގަސްޓު މަހު ރާއްޖޭގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) ނުވަތަ އިންފްލޭޝަން ރޭޓް ޖުމްލަގޮތެއްގައި ދަށަށް ގޮސްފައިވާކަމަށް ރަސްމީ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ޖުލައި މަހާ އަޅާބަލާއިރު އޯގަސްޓު މަހު ރާއްޖޭގެ ސީޕީއައި ވަނީ 1.15 އިންސައްތަ ދަށަށް ގޮސްފައެވެ. މިގޮތުން އޯގަސްޓު މަހު ކަރަންޓުގެ ހިދުމަތުގެ އަގުން 3.21 އިންސައްތަ އަދި ވައިގެ ދަތުރުފަތުރުގެ އަގުތަކުން 2.80 އިންސައްތަ ވަނީ ހެޔޮވެފައެވެ. މީގެއިތުރުން ދުންފަތުގެ ބާވަތްތަކުގެ އަގުތަކުން 25.45 އިންސައްތަގެ ބޮޑު ދަށްވުމެއް ވަނީ ފާހަގަވެފައެވެ.

މަހުން މަހަށް ބަލާއިރު އަގުތަކަށް މިފަދަ ހެޔޮ ބަދަލެއް އައި ނަމަވެސް، ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރުގެ އޯގަސްޓު މަހުގެ އަގުތައް ހުރީ 0.76 އިންސައްތަ މަތީގައެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ކުޑަ މިންވަރެއްގެ އުފުލުމެކެވެ. މީގެއިތުރުން، ޖުމްލަ އިންޑެކްސް ދަށަށް ދިޔަ ނަމަވެސް އާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް މުހިންމު ކާބޯތަކެއްޗާއި ޚިދުމަތްތަކުގެ އަގު ވަނީ އުފުލިފައެވެ.

ސަރަހައްދީ ނިސްބަތުން ބަލާއިރު، ޖުލައި މަހާ އަޅާބަލާއިރު މާލޭ ސަރަހައްދުގެ ސީޕީއައި 1.57 އިންސައްތަ ދަށަށް ގޮސްފައިވާއިރު، އަތޮޅުތަކުގައި މި މިންވަރު ވަނީ 0.54 އިންސައްތަ ދަށްވެފައެވެ.

ކޮންސިއުމަރ ޕްރައިސް އިންޑެކްސްއަކީ އާންމު ގޭބިސީތަކުން ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ހޯދާ މުދަލާއި ހިދުމަތްތަކުގެ އަގަށް އަންނަ ބަދަލުތައް މިންކުރުމަށް ބޭނުންކުރާ މައިގަނޑު މިންގަނޑެވެ. މި މިންގަނޑު އެކުލަވައިލުމަށްޓަކައި އެމްބީއެސް އިން ކޮންމެ މަހަކުވެސް މާލެއާއި އަތޮޅުތެރެ ހިމެނޭހެން 9،500 އަށްވުރެ ގިނަ ބާވަތްތަކުގެ އަގުތައް ގަވާއިދުން މޮނިޓަރކޮށް އެއްކުރަމުން ގެންދެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted