”ރައްޔިތުންގެ އަޑު“ ސިލްސިލާގައި ނަން ނޯޓުކުރުމަށް ހުޅުވާލައިފި
Rahyithunge adu silsilaagai nan note kurumah hulhuvaalaifi

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ސީދާ ބައްދަލުކުރެއްވުމަށް ބާއްވަވާ ”ރައްޔިތުންގެ އަޑު“ ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމުގައި ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއަކަށެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއެވެ. މި ދާއިރާތަކަށް ނިސްބަތްވާ ރައްޔިތުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއާ ސީދާ ބައްދަލުކުރައްވަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ގޮތުގައި، މި ބައްދަލުވުންތަކަށް ނަން ނޯޓުކުރެވޭނީ އެކަމަށް ޚާއްޞަކޮށްފައިވާ ޕޯޓަލް https://rayyithungeadu.presidency.gov.mv މެދުވެރިކޮށެވެ. ނަން ނޯޓުކުރުމުގެ އެންމެ ފަހު ވަގުތަކީ މި ހިނގާ މޭ މަހުގެ 15 ވާ ބުދަ ދުވަހުގެ ރޭ މެންދަމު 12:00 އެވެ. މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުން ޖުލައި މަހުގެ 26 ގެ ކުރިން ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމުގެ ފުރުޞަތު ދެއްވުމަށް ބާއްވާ މި ޕްރޮގްރާމާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ، މީގެ މަޤުޞަދަކީ ވަކިވަކި ދާއިރާތަކުން ރައްޔިތުންނާ ބައްދަލުކޮށް އެފަރާތްތަކުގެ އަޑު އެއްސެވުން ކަމަށެވެ. މިކަން އެމަނިކުފާނު އިޢުލާން ކުރެއްވީ ޕީއެސްއެމްއާ ގުޅިގެން ގެނެސްދޭ ”ނޭޝަންޗެޓް“ ޕްރޮގްރާމްގައެވެ.
ރައީސް ޑރ. މުޢިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމަށް އިސްކަންދެއްވާ ބޭފުޅެކެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ހުރިހާ ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު ވަނީ އަމާޒު ހިއްޕަވާފައެވެ. މީގެ ކުރިންވެސް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ.




