ދަނޑުވެރިންނަށް އެހީތެރިވުމަށް ލ. ގަމުގައި ”ލާމު ފާޓިލައިޒާ“ ހުޅުވައިފި

Dhanduverinah eheetherivumha L.Gamugai "Laamu Fertilizer" hulhuvaifi

ލާމު އަތޮޅުގެ ދަނޑުވެރިންނާ ގާތުން މަސައްކަތްކޮށް، ދަނޑުވެރިކަމަށް ބޭނުންވާ ފެންވަރު ރަނގަޅު ތަކެއްޗާއި ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ލ. ގަމު ތުނޑީގައި ”ލާމު ފާޓިލައިޒާ“ ރަސްމީކޮށް ހުޅުވައިފިއެވެ.

މި ވިޔަފާރި ހުޅުވާފައިވަނީ 3 އޮކްޓޫބަރު 2026 ގައެވެ.

”grow better“ ގެ ސްލޯގަންގެ ދަށުން ހިންގާ މި ފިހާރައިން ފާޓިލައިޒާ، ކޮމްޕޯސްޓް، ބިމުގެ ކޮލިޓީ ރަނގަޅުކުރާ ތަކެތި އަދި ގަސްގަހާގެއްސަށް ބޭނުންވާ ކާނާގެ ބާވަތްތަކުގެ އިތުރުން ގޭގޭގައްޔާއި ދަނޑުތަކުގައި ގަސްއިންދުމަށް ބޭނުންވާ ތަފާތު ސާމާނު ލިބެން ހުންނާނެއެވެ. އަދި ދަނޑުވެރިންގެ ބޭނުންތަކާއި ހިޔާލަށް ބަލައި މި ތަކެތީގެ ރޭންޖު ފުޅާކުރަމުން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ލާމު ފާޓިލައިޒާ އަކީ ހަމައެކަނި ދަނޑުވެރިކަމުގެ ސާމާނު ވިއްކުމަށް ހުޅުވި ތަނެއް ނޫނެވެ. މި ވިޔަފާރީގެ މައިގަނޑު އަމާޒަކީ ދަނޑުވެރިން ހައްދާ ބާވަތްތަކާއި، މޫސުމީ ބޭނުންތަކާއި، ދިމާވާ ގޮންޖެހުންތައް ދެނެގަނެ، ގަސް ހެދި ބޮޑުވުމުގެ މަރުހަލާތަކުގައި ބޭނުންވާ އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދިނުމެވެ. މި ވިޔަފާރިއަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ލ. މާބައިދޫ، ދޮންވެލި، ހުސައިން ނިހާން (ނިހާޓް) ގެ ވިޔަފާރިއެކެވެ.

”އަޅުގަނޑުމެންގެ މައިގަނޑު މަގުސަދަކީ ދަނޑުވެރިންނާ ގާތުން މަސައްކަތްކޮށް، ދިމާވާ ދަތިތައް ދެނެގަނެ، ދަނޑުވެރިކަން ކުރިއެރުވުމަށް އެހީތެރިވުން. އަޅުގަނޑުމެން ބޭނުންވަނީ ދަނޑުވެރި މުޖުތަމައުއާއެކު ލާމު ފާޓިލައިޒާ ވެސް ކުރިއަރައިގެން ދިއުން،“ ކަމަށް ނިހާޓް ބުންޏެވެ.

ކުރިމަގުގައި ފެންދޭ ނިޒާމުތައް (އިރިގޭޝަން)، ދަނޑުވެރިކަމަށް ބޭނުންވާ މެޝިނަރީޒް، ފާމް އިންފްރާސްޓްރަކްޗާ އަދި އެހެނިހެން ހިދުމަތްތައް މުޅި ލާމު އަތޮޅަށް ފުޅާކުރުމަށް މި ކުންފުނިން ވަނީ ރާވާފައެވެ. ގަން-ތުނޑީ، މަޖީދީ މަގުގައި (މެރިން ޑްރައިވް) ހުންނަ މި ފިހާރަ ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް، މެންދުރުފަހު 1:30 އިން 3:30 އަށް އަދި ރޭގަނޑު 8:00 އިން 10:30 އަށް ހުޅުވިފައި ހުންނާނެއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted