ބިދޭސީންގެ ހިއްސާ އޮންނަ ވިޔަފާރިތަކުން އާ އުސޫލުތަކަށް އަމަލުނުކުރާ ނަމަ ފިޔަވަޅު އަޅަނީ

Bidheyseenge hissaa onna viyafaarithakun aa usoolthakah amalu nukuraaanama fiyavalhu alhanee

ބިދޭސީންގެ ހިއްސާ އޮންނަ ހޯލްސޭލް، ރީޓެއިލް އަދި ލޮޖިސްޓިކްސް ވިޔަފާރިތަކުން ކަނޑައަޅާފައިވާ އާ އުސޫލުތަކާ އެއްގޮތަށް އަމަލުނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިކަން އަންގާފައިވަނީ ބިދޭސީ އިންވެސްޓްމަންޓްތަކަށް އަމަލުކުރުމަށް ދީފައިވާ އިންތިގާލީ މުއްދަތު ހަމަވުމާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، ބިދޭސީންގެ ހިއްސާ އޮންނަ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުގެ އިތުރުން ސީއެސްއޭ، ޖީއެސްއޭ އަދި ޕީއެސްއޭގެ ގޮތުގައި ގިންތިކޮށްފައިވާ ލޮޖިސްޓިކްސް ވިޔަފާރިތަކަށް ދެން ހިންގޭނީ ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔަމަންޓްސް (އެފްއައިއީއާރު) ފުރިހަމަކޮށްގެންނެވެ. މުއްދަތު ހަމަވުމަށްފަހު މި ޝަރުތުތައް ފުރިހަމަނުކޮށް ހިންގާ ވިޔަފާރިތަކަކީ ފޮރިން އިންވެސްޓްމަންޓްގެ ގާނޫނާ ހިލާފު އަމަލެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ވެސް މިނިސްޓްރީން ބަޔާންކުރެއެވެ.

ދިވެހިންނަށް ހިއްސާ ބަދަލުކޮށްގެން ވިޔަފާރި ކުރިއަށްގެންދަން އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅާ ބަދަލުތަކަކީ ހަގީގީ ދިވެހި ބައިވެރިވުން އޮންނަ ބަދަލުތަކެއްތޯ ބަލައި ވަޒަންކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން ހިއްސާ ބަދަލުކުރާ މިންވަރާއި، ފައިސާ ދައްކާ ގޮތާއި، ފައިސާ ހޯދާ މަސްދަރުތަކުގެ އިތުރުން ވިޔަފާރީގެ ހަގީގީ މަންފާ ލިބޭ ފަރާތްތަކާއި ކޮންޓްރޯލް އޮންނަ ފަރާތްތައް ވަޒަންކުރާނެއެވެ. މީގެ އިތުރުން، ބިދޭސީ ހިއްސާ ވިއްކާ ފަރާތަށް ނުވަތަ އެއާ ގުޅުންހުރި ފަރާތަކަށް ވިޔަފާރީގައި އިތުރު ހައްގެއް ނުވަތަ މަސްލަހަތެއް އޮތްތޯއާއި، އަލަށް ގުޅޭ ދިވެހި ހިއްސާދާރުންގެ ދައުރަކީ ހަމައެކަނި ނަމެއްގައި އޮންނަ ދައުރެއްތޯ ވެސް ކަށަވަރުކުރާނެ ކަމަށާއި، މިކަމާ ގުޅޭ ތަފްސީލީ އުސޫލުތައް ވަކިން އާންމުކުރާނެ ކަމަށް ބަޔާނުގައިވެއެވެ.

މުއްދަތު ހަމަވުމުގެ ކުރިން ގަވާއިދަށް ފެއްތުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ހުށަހެޅުންތައް މިހާރު ދިރާސާކުރަމުންދާ ކަމަށާއި، އެ ފަރާތްތަކަށް ކަންކަން ފުރިހަމަކުރުމަށް އިތުރު ވަގުތު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ނަމަވެސް، މުއްދަތު ހަމަވިއިރު އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ވިޔަފާރިތަކަށް ރަސްމީކޮށް ނޯޓިސް ފޮނުވައި، ހުއްދަ ނެތް ހަރަކާތްތައް ހުއްޓާލުމަށް އަންގާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ ގަވާއިދަށް ނުފެތޭ ހުރިހާ ވިޔަފާރިތަކުން ވެސް ލަސްނުކޮށް ސަރުކާރާ މުއާމަލާތްކުރުމަށް އިލްތިމާސްކޮށްފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted