ރޭސިން އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ ބޭރަށް ގެންދަން އެހީ ހޯދަނީ
Racing accidentgai zakhamvi zuvaanaa beyrah gendhan ehee hoadhanee

ލ. ގަމުގައި ކުރިއަށް ގެންދިޔަ ”ރާސް ޗެމްޕިއަންޝިޕް – ލާމު އެޑިޝަން“ ގައި ސައިކަލާ އެކު މޫދަށް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބުނު މުހައްމަދު ޔައިޝް، 20، އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމަށްޓަކައި ޓިކްޓޮކް ލައިވްއެއް މެދުވެރިކޮށް އެހީ ހޯދަން ފަށައިފި އެވެ.
އެކި ބޭނުންތައް ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މަރިޔަމް ސަމާގެ ”ހިތުން ހިތަށް“ ޖަމިއްޔާ އިން ކުރިއަށް ގެންދިޔަ މި ޓިކްޓޮކް ލައިވްގައި، ޔައިޝްގެ ފަރުވާއަށް އެކި ފަރާތްތަކުން ވަނީ ބޮޑު ތަރުހީބެއް ދީފަ އެވެ. އެގޮތުން އެ ލައިވްގެ ތެރެއިން 107،748 ރުފިޔާ އާއި 140 ޑޮލަރު ވަނީ އެހީގެ ގޮތުގައި ލިބިފަ އެވެ.
ސެޕްޓެމްބަރު 19 ގައި ބޭއްވި ރޭސިން މުބާރާތުގައި ޔައިޝް ދުއްވި ސައިކަލު ކޮންޓްރޯލުން ނެއްޓި ހިނގި މި އެކްސިޑެންޓާ ގުޅިގެން އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. އަދި ހާލަތު ސީރިއަސްވުމުގެ ސަބަބުން ޖެހިގެން އައި ދުވަހު އޭނާ ވަނީ ވެންޓިލޭޓަރުގައި މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފަ އެވެ. މިހާރު ހާލަތު ކުރިއަށް ވުރެ ރަނގަޅުވެ އޭނާ ވަނީ ވޯޑަށް ބަދަލުކޮށްފަ އެވެ.
ނަމަވެސް، ޔައިޝްގެ ހާލަތު އަދިވެސް އެއްކޮށް ރަނގަޅު ނުވާ ކަމަށް ލައިވްގައި ބުނެފައިވެ އެވެ. އޭނާއަށް އަމިއްލައަށް ނުތެދުވެވޭ އިރު، ރަނގަޅަށް ވާހަކަ ނުދެއްކޭ ކަމަށާއި އަތުގެ ހަރަކާތްތައް ވެސް ރަނގަޅަށް ނުކުރެވޭތީ ކެއުން ފަދަ ޒަރޫރީ ކަންކަން ވެސް ކުރަނީ އާއިލާގެ އެހީތެރިކަމާ އެކުގަ އެވެ. އެހެންކަމުން އޭނާއަށް އިތުރު ފަރުވާ ބޭނުންވާތީ ރާއްޖޭން ބޭރަށް ގެންދިއުމަށް އާއިލާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.




