ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް
Dhaulathuge aamdhanee ah 1.8 insahthaige kurierumeh

ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީއާއި އެއާޕޯޓް ސާވިސް ޗާޖުން ލިބުނު އާމްދަނީ އިތުރުވުމާ ގުޅިގެން، ދައުލަތުގެ އާމްދަނީއަށް 1.8 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.
މާލީ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ”ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް“ ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އަދި ހިލޭ އެހީގެ ޖުމްލަ ވަނީ 30.879 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 30.342 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 1.8 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތުގެ ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު އަސާސަކީ ޓެކްސް އާމްދަނީއަށް އައި ކުރިއެރުމެވެ. އެގޮތުން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 5.8 އިންސައްތަ އިތުރުވެ، 22.528 ބިލިއަން ރުފިޔާއިން 23.835 ބިލިއަން ރުފިޔާ އަށް ވަނީ މަތިވެފައެވެ. މާލީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުވެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އިންނެވެ.
ފަތުރުވެރިކަމާ ގުޅުންހުރި ޓެކްސްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 8.062 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު 1.4 އިންސައްތައިގެ ކުޑަ ދަށްވުމެއް ނަމަވެސް، ހަފުތާގެ ނިސްބަތުން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު ދާއިރާއެވެ. މީގެ އިތުރުން، އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.2 އިންސައްތަ އިތުރުވެ، 1.529 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.552 ބިލިއަން ރުފިޔާ އަދި މުދަލުން ލިބުނު އާމްދަނީގެ ގޮތުގައި 1.948 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ދައުލަތަށް ލިބުނު ހިލޭ އެހީގެ ގޮތުގައި 0.513 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 84.7 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ދައުލަތުގެ ހަރަދުތައް
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 18.2 އިންސައްތަ އިތުރުވެ 35.456 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވެފައިވަނީ 30.008 ބިލިއަން ރުފިޔާއެވެ. ހަރަދުތަކުގެ ބޮޑުބައި ހިއްސާކުރާ ހިންގުމުގެ ހަރަދު (ރިކަރަންޓް އެކްސްޕެންޑިޗާ) 18.5 އިންސައްތަ އިތުރުވެ 30.653 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 5.555 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އަދި ހިލޭ އެހީއާއި ސަބްސިޑީއަށް ކުރި ހަރަދު 44.3 އިންސައްތަ އިތުރުވެ 10.169 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މީގެ ތެރޭގައި ސަބްސިޑީއަށް ކުރި 4.203 ބިލިއަން ރުފިޔާއާއި އާސަންދައަށް ހޭދަވި 1.864 ބިލިއަން ރުފިޔާ ހިމެނެއެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހަރަދު (ކެޕިޓަލް އެކްސްޕެންޑިޗާ) ވެސް ވަނީ 15.9 އިންސައްތަ މައްޗަށް ގޮސް 4.804 ބިލިއަން ރުފިޔާ އަށް އަރާފައެވެ. މިގޮތުން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ އުމްރާނީ ތަރައްގީގެ ދާއިރާއަށެވެ. އެގޮތުން ބިމާއި އިމާރާތް ކުރުމުގެ މަޝްރޫއުތަކަށް 1.453 ބިލިއަން ރުފިޔާ، ފާލަމާއި ބަނދަރު ހެދުމަށް 0.333 ބިލިއަން ރުފިޔާ، އަދި އެހެނިހެން އުމްރާނީ ވަސީލަތްތަކަށް 0.945 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.




