ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

FENAKA STELCO ge dhashah badhalukurumuge amalee masahkai fashaifi

ސަރުކާރު ހިއްސާވާ ކުންފުނިތައް ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ އިސްލާޙީ ސިޔާސަތުގެ ދަށުން، ލ.ފޮނަދޫ ފެނަކަ ކޯޕަރޭޝަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކުރުމުގެ މުހިންމު އަމަލީ މަސައްކަތްތައް ފަށައިފިއެވެ.

މި ބަދަލާ ގުޅިގެން ފެނަކައިގެ އެކައުންޓަށް ފައިސާ ބަލައިގަތުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓާލައި، ކަސްޓަމަރުންނަށް އެކަން އަންގަން ފަށާފައެވެ.

ކުންފުނިތައް އެއްކޮށްލުމުގެ މި މަރުޙަލާގައި، ޚިދުމަތްތައް މެދުނުކެނޑި ހަރުދަނާކަމާއެކު ފޯރުކޮށްދިނުމަށްޓަކައި އެންމެ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުން ދެނެގަނެ، ސްޓެލްކޯގެ އޮނިގަނޑަށް އެ މުވައްޒަފުން ފުރިހަމައަށް އިންޓަގްރޭޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިނިސްޓްރީ އޮފް ފައިނޭންސަށް އަންގަވާފައެވެ. ސަރުކާރުގެ މި ނިންމެވުމާއެކު، ސްޓެލްކޯއަށް ބަދަލުވާ ފެނަކައިގެ އެއްވެސް މުވައްޒަފެއްގެ ޖުމްލަ މުސާރަ މިހާރު ލިބޭ ޢަދަދަށްވުރެ ކުޑަނުވާނެހެން ހަމަޖެއްސުމަށް ވެސް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. މިއީ މުވައްޒަފުންގެ ޙައްޤުތައް ޙިމާޔަތްކުރުމާއެކު ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެކެވެ.

ސަރުކާރުގެ މި އިސްލާޙީ ޕްލޭނުގެ ދަށުން، މިހާރު ފެނަކައިން ޚިދުމަތް ދެމުންދާ ހުރިހާ ރަށެއް 2027 ވަނަ އަހަރުގެ ރަމަޟާން މަހުގެ ކުރިން ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތް މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ބަދަލުކޮށް، އެ ދެ ސިޓީގެ ކަރަންޓުގެ ޚިދުމަތް ސްޓެލްކޯގެ ބެލުމުގެ ދަށަށް ގެންދިއުމަށް ވެސް ވަނީ ނިންމަވާފައެވެ.

ހަމައެއާއެކު، ދަތުރުފަތުރާއި އުމްރާނީ ތަރައްޤީގެ ދާއިރާ އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، އެމްޓީސީސީގައި އޮންނަ ސަރުކާރުގެ ހިއްސާ މަދުވެގެން 90 އިންސައްތައަށް އިތުރުކުރުމަށް ބޭނުންވާ ދިރާސާތަކާއި ހިސާބުތައް މުރާޖަޢާކުރުމަށް ފައިނޭންސް މިނިސްޓްރީއަށް ވަނީ އިރުޝާދު ދެއްވާފައެވެ.

ސަރުކާރުން އަޅުއްވަމުން މިގެންދަވާ ހަރުދަނާ ފިޔަވަޅުތަކަކީ ދަޢުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، އިސްރާފު ކުޑަކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ދެމެހެއްޓެނިވި ގޮތެއްގައި މަތިކުރުމަށް އެޅިގެންދާ މުހިންމު ބިންގަލެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted