އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބު ނޮވެމްބަރު 27 ގައި: ފުރުސަތު ހުޅުވާލައިފި
MDPge qaumee majiss inthikhaabu november 27gai: Furusathu hulhuvaalafi

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އެތެރޭގެ އިންތިޚާބު އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، ގައުމީ މަޖިލީހާއި އެހެނިހެން މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ. މިއީ އެ ޕާޓީން ބޭއްވި ކޮންގްރެސްގައި އަސާސީ ގަވާއިދަށް ގެނައި ބޮޑެތި އިސްލާހުތަކަށްފަހު ބާއްވާ ފުރަތަމަ ގައުމީ މަޖިލިސް އިންތިޚާބެވެ.
މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ މައިގަނޑު މަގާމުތަކުގެ ތެރޭގައި ހިމެނެނީ:
- އަތޮޅު އަދި ސިޓީތަކުން ގައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުން
- ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލީސް މެންބަރުން
- ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސް، ސެކްރެޓަރީ، އަންހެން ސެކްރެޓަރީ އަދި ޒުވާނުންގެ ސެކްރެޓަރީ
- އަންހެނުންގެ ރޫހުގެ ރައީސް އަދި އެ ރޫހުން ގައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުން
- ޒުވާނުންގެ ހިތްވަރުގެ ރައީސް އަދި އެ ގޮފިން ގައުމީ މަޖިލީހަށް އިންތިޚާބުކުރާ މެންބަރުން
އެމްޑީޕީން ހާމަކޮށްފައިވާ ގޮތުގައި މި މަގާމުތަކަށް ކުރިމަތިލެވޭނީ މި އޮކްޓޯބަރު މަހުގެ 20 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށް އެ ޕާޓީގެ މެންބަރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށެވެ. އަދި އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، އެމްޑީޕީގެ ”ޔެލޯ އެޕް“ މެދުވެރިކޮށް ފޯމު ފުރިހަމަކޮށް ހުށަހަޅަންޖެހެއެވެ.
މީގެ އިތުރުން، އިންތިޚާބަށް ހުޅުވާލާފައިވާ މަގާމުތަކުގެ ތެރެއިން ގައުމީ މަޖިލީހުގައި ހިމެނޭ ހުރިހާ މަގާމަކަށް ކުރިމަތިލާ ފަރާތްތަކުން އިދާރީ ފީއެއްގެ ގޮތުގައި 1،000 ރުފިޔާ ދައްކަންޖެހޭނެ ކަމަށް ވެސް އެ ޕާޓީން ބަޔާންކޮށްފައިވެއެވެ.




