ރިސޯޓު ކުލިން ދައުލަތަށް ލިބުނު އާމްދަނީ %10.8 އިތުރުވެއްޖެ

Resort kulin dhaulathah libunu aamdhanee 10.8% ithuruvehjje

މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ރިސޯޓު ކުލީގެ ގޮތުގައި ދައުލަތަށް 1.6 ބިލިޔަން ރުފިޔާ ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 1.4 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު %10.8 ގެ ކުރިއެރުމެކެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުން އަހަރަށް ރިސޯޓު ކުލީގެ އާމްދަނީ އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މައްޗަށް ޖެހިލާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ޑެއިލީ އަޕްޑޭޓް ރިޕޯޓު ދައްކާގޮތުން، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 184 ރިސޯޓުގެ ތެރެއިން 180 ރިސޯޓެއް މިވަގުތު އަންނަނީ ހިންގަމުންނެވެ. މި ރިސޯޓުތަކުގައި ޚިދުމަތް ދެމުންދާ އެނދުގެ އަދަދު 45،171 އަށް އަރާއިރު، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓުތަކުގައެވެ. އަހަރުގެ މިހާތަނަށް އައި 1.2 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންގެ ތެރެއިން %73.8 މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ.

ރިސޯޓުތަކުން ލިބޭ ކުލި އިތުރުވި ނަމަވެސް، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތައް ތަރައްޤީ ނުކުރެވި ދިގުލައިގެން ދިއުމުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވަނީ ދާދިފަހުން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ތަރައްޤީ ނުކުރެވި ނުހުޅުވި ހުރި ރަށްތަކާއި ފަޅުތަކުގެ އަދަދު 161 އަށް އަރައެވެ. އޭގެ ތެރޭގައި 20 އަހަރާއި 25 އަހަރު ވެފައިވާ ތަންތަން ހިމެނޭއިރު، އެ ތަންތަނުން ދައުލަތަށް ލިބެންޖެހޭ ލޭންޑް ރެންޓްގެ އަދަދު 500 މިލިޔަން ޑޮލަރަށްވުރެ މައްޗެވެ. އެހެންކަމުން، މިގޮތަށް ތަރައްޤީކުރުން ލަސްވާ ތަންތަނާ މެދު ފިޔަވަޅު އެޅުމަށާއި، އެއްބަސްވުންތައް ބާތިލުކުރެވޭނެ ހަރުދަނާ އުސޫލުތައް ހިމެނޭ ގަވައިދެއް މިހާރު ވަނީ އެކުލަވާލާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted