މިހާތަނަށް 34 ނޫސް މަޖައްލާ ރަޖިސްޓްރީކޮށްފި
Mihaathanah 34 noos majjalla register kohffi

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އައު ޤަވާއިދުގެ ދަށުން މިހާތަނަށް 34 ނޫސް މަޖައްލާއެއް ރަޖިސްޓްރީކޮށްދީފައިވާ ކަމަށާއި، މި އޮކްޓޯބަރު 27 ގެ ނިޔަލަށް ރީ-ރަޖިސްޓްރީ ނުކުރާ ނޫސްމަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުވާނެ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.
ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާން 9 ދުވަހަށް ވެފައިވާއިރު، ރަޖިސްޓްރީ ވުމަށް އެދި މިހާތަނަށް ޖުމްލަ 140 ފަރާތަކުން ވަނީ އެޕްލިކޭޝަން ހުށަހަޅާފައެވެ.
އެ ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހުށަހެޅި ފޯމުތަކުގެ ތެރެއިން 66 ފޯމަކީ ރަޖިސްޓްރީ އައު ކުރުމަށް ހުށަހަޅާފައިވާ ފޯމުތަކެވެ. އަދި 67 ފޯމަކީ އަލަށް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާފައިވާ ފޯމުތަކެވެ. މީގެ ތެރެއިން މިހާތަނަށް 34 ފަރާތެއް ރަޖިސްޓްރީ ކޮށްދީފައިވާއިރު، އެކި ސަބަބުތަކާ ހުރެ 18 ފޯމެއް ބާތިލުކޮށްފައިވާ ކަމަށް ކޮމިޝަނުން މަޢުލޫމާތުދެއެވެ. އެހެންކަމުން މުއްދަތު ހަމަވުމުގެ ކުރިން ހުރިހާ ފަރާތްތަކުންވެސް ރަޖިސްޓްރީވުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި ހިންގަމުން އަންނަ ނޫސް މަޖައްލާތައް މީގެކުރިން ރަޖިސްޓްރީ ކުރަމުން އައީ އެއިރަކު އެ މަސްއޫލިއްޔަތު ހަވާލުކޮށްފައި އޮންނަ ވުޒާރާއެއްގައެވެ. ނަމަވެސް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ޤާނޫނާއެކު އެ ކޮމިޝަން އުފެދި، ނޫސްމަޖައްލާތައް ރަޖިސްޓްރީކޮށް ދަފްތަރު ބެލެހެއްޓުމުގެ ޒިންމާ ވަނީ އެ ކޮމިޝަނާ ހަވާލުކުރެވިފައެވެ. އެއާއެކު ކޮމިޝަނުން ވަނީ ރާއްޖޭގައި ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާއި، ހިންގުމާއި، އަދި ޚިދުމަތް ދިނުމުގެ އެންމެހައި އުސޫލުތައް ބަޔާންކުރާ އައު ޤަވާއިދެއް އެކުލަވާލައި ޝާއިޢުކޮށްފައެވެ.
އައު ޤަވާއިދުގެ ދަށުން ނޫސް މަޖައްލާތައް މައިގަނޑު 4 ގިންތިއަކަށް ވަނީ ބަހާލާފައެވެ. އެއީ ނޫސްތަކާއި، މަޖައްލާ، ނިއުސް ލެޓަރ އަދި ޖާނަލްއެވެ. މި ބާވަތްތައް ހިންގޭނެ ވަސީލަތްތަކުގެ ތެރޭގައި ޕްރިންޓް، ވެބްސައިޓް، ސޯޝަލް މީޑިއާ، އެޕްލިކޭޝަން އަދި އިލެކްޓްރޯނިކް މީޑިއާ ހިމެނެއެވެ. މި ޤަވާއިދަށް ޢަމަލުކުރަން ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި، މިހާރު ހިންގަމުންދާ ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީކޮށް ރެކޯޑުތައް އަދާހަމަކުރަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ އެކި ބާވަތްތަކުގެ ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށްވެސް ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި ޤަވާއިދުން ފަހިކޮށްދެއެވެ. ނަމަވެސް ވަކި ތަނެއްގެ މަޢުލޫމާތު ގެނެސްދިނުމަށް ނުވަތަ މުވައްޒަފުންނަށް ޚާއްސަކޮށް ނެރޭ ކުދި މަޖައްލާތަކާއި އެފަދަ ލިޔުންތައް މީގެ ތެރެއިން އިސްތިސްނާވާނެއެވެ. ޤަވާއިދުގައިވާ ގޮތުން ނޫސް މަޖައްލާއެއް ރަޖިސްޓްރީ ކޮށްދޭނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި އެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައުކުރަން ހުށަހަޅަންޖެހޭއިރު، ޝާއިޢުކުރުން ހުއްޓާލާތާ 12 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ބާތިލުވާނެއެވެ.




