މެންބަރުންގެ އިންޝުއަރެންސް ކަނޑާލުމުގެ ބަދަލުގައި އެންމެނަށް ދޭން ދިރާސާކުރަނީ

Memberunge insurance kandaalumuge badhaugai enmenah insurance dheyn dhiraasaakuranee

އާންމު ރައްޔިތުންނަށް ނުލިބޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ޕެކޭޖެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދައުލަތުން ހަމަޖައްސައިދޭތީ އެ ޚިދުމަތް ކަނޑާލަން ގޮވާލައި ހުށަހެޅި ޕެޓިޝަނާ ގުޅިގެން، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި އެންމެނަށް ހެލްތު އިންޝުއަރެންސް ދެވޭނެ ގޮތެއް ބަލަން ދިރާސާކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

މެންބަރުންނަށް ދޭ އަގުބޮޑު ހެލްތު އިންޝުއަރެންސް ކަނޑާލުމަށް އެދި 7،000 އަށް ވުރެ ގިނަ މީހުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅި ޕެޓިޝަން، ތަޅުމުގައި ބަހުސްކުރުމަށްފަހު ފޮނުވީ މާލިއްޔަތު ކޮމިޓީއަށެވެ. މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި، ދެމެހެއްޓެނިވި ގޮތެއްގައި އެންމެނަށް އިންޝުއަރެންސް ދެވޭނެ ގޮތެއް ދިރާސާކުރުމަށް ހުށަހެޅުއްވީ ހިތަދޫ މެދުދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް އެވެ. އެ ހުށަހެޅުއްވުމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ތާއީދުކުރެއްވިއިރު، ކޮމިޓީން އެކަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަޒާން ވިދާޅުވީ، މެންބަރުންގެ އިތުރުން ވަޒީރުންގެ މަޖިލީހާއި ކޯޓުތައް ފަދަ ދައުލަތުގެ ގިނަ މުއައްސަސާތަކެއްގެ މުވައްޒަފުންނަށް ވެސް އާސަންދައިގެ ބޭރުން ހެލްތު އިންޝުއަރެންސް ލިބޭ ކަމަށެވެ. އެހެންކަމުން މެންބަރުންގެ އިންޝުއަރެންސް އެކަނި ކަނޑާލުމުގެ ބަދަލުގައި، ކަމާބެހޭ ހުރިހާ އިދާރާއަކާ މަޝްވަރާކޮށް ސަރުކާރުގެ ވިސްނުމާ އެކު އެންމެ ޚަރަދުކުޑަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ހުށަހެޅުމާ ގުޅިގެން ޑރ. ޝަމްހީދު ވިދާޅުވީ، ކުޑަ ކޮމިޓީއެއް ނަގައިގެން މުޅި މައްސަލަ ދިރާސާކުރުމަކީ މުހިންމު ކަމެއް ކަމަށާއި، މެންބަރުންނަށް ދޭ ފަދަ ޕެކޭޖެއް ހުރިހާ ރައްޔިތުންނަށް ދެވިއްޖެނަމަ ދައުލަތުން ކުރާ ޖުމްލަ ޚަރަދު ކުޑަވެގެންދާނެ ކަމަށެވެ.

މީގެއިތުރުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ، ސިއްހީ ނިޒާމަށް މިހާރު ކުރާ ޚަރަދު ދެމެހެއްޓެނިވި ނޫން ކަމަށާއި ހެލްތު މިނިސްޓްރީއާއި އާސަންދަ އެއްކޮށްލުމުން ޖުމްލަ ޚަރަދު 5 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ޝަކުވާތަކަށް ބަލައި މުޅި ޚިދުމަތް ރަނގަޅުކުރުމަށް ފޯކަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ތަޅުމުގައި މި ޕެޓިޝަނަށް ބަހުސްކުރި އިރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވެސް ވަނީ އާސަންދައިގެ ބަދަލުގައި ހުރިހާ ރައްޔިތުން އެލައިޑް އިންޝުއަރެންސް ފަދަ ސްކީމެއްގައި ބައިވެރިކޮށްފިނަމަ ދައުލަތަށް ޚަރަދު ކުޑަވާނެ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted