އެފްވައިއެފްސީ 2026: ރޭ ކުޅުނު މެޗުތަކުން ފޮއެމައްޗާއި ކިޔުއެމް އަދި ކަންމަތި މޮޅުވެއްޖެ
FYFC 2026: Rey kulhunu match thakun Foemathi, QM adhi Kanmathi molhuvejje

ލ. ފޮނަދޫގައި މިހާރު ކުރިއަށްދާ ފޮނަދޫ ޔޫތް ފުޓުސަލް ޗެލެންޖް (އެފްވައިއެފްސީ 2026) ގައި އިއްޔެ ހަވީރާއި ރޭ ކުޅުނު މެޗުތަކުން ފޮއެމަތި، ކިޔުއެމް ސްޕޯޓްސް އަދި ކަންމަތި ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.
އިއްޔެ ހަވީރާއި ރޭގެ މެޗުތައް ހިމެނޭހެން ޖުމްލަ ފަސް މެޗެއް ކުޅެފައިވާއިރު، މެޗުތައް ފެނިގެންދިޔައީ ވަރަށް ވާދަވެރި އަދި ފޯރިގަދަކޮށެވެ.
އިއްޔެ ހަވީރު ކުޅުނު މެޗުގައި ފޮއެމަތި ޓީމުން ވަނީ 1-3 ގެ ނަތީޖާއަކުން ކިންގް ސްޕޯޓްސް ބަލިކޮށްފައެވެ. ރޭ ކުޅުނު މެޗުތަކަށް ބަލާއިރު، ސީއޭސީ އަދި ގޯޅިއަންސް ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ރޭގެ ދެވަނަ މެޗުގައި ކިޔުއެމް ސްޕޯޓްސް އިން ވަނީ 1-3 އިން އަލު ބައްތި ބަލިކޮށް މުހިންމު މޮޅެއް ހޯދާފައެވެ. އަދި ރޭގެ ފަހު މެޗުގައި މާހިންނެ އާއި ބައްދަލުކޮށް ކަންމަތި ސްޕޯޓްސް ކްލަބުން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން، 2-10 އިން މެޗު ކާމިޔާބުކޮށްފައެވެ.
މެދުއަވަށު ސްޕޯޓްސް ކްލަބުން އިންތިޒާމުކުރާ މި މުބާރާތުގެ 7 ވަނަ އެޑިޝަން ކުރިއަށްދަނީ ޖުމްލަ 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މައިގަނޑު ގޮތެއްގައި ލ. އަތޮޅުގެ ކުޅުންތެރިންނަށް ޚާއްސަކޮށްގެން ބާއްވާ މި މުބާރާތުގައި، ކޮންމެ ޓީމަކަށް ވެސް އެހެން އަތޮޅުތަކުގެ 4 ކުޅުންތެރިން ހިމެނުމުގެ ފުރުސަތު ދީފައިވެއެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ޕަސްކުއާލް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ”ލާމު އެމްވީ“ އެވެ.
މި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާއިރު، މި މުބާރާތުގެ ގްރޫޕް ސްޓޭޖަށްފަހު ކުއާޓާ ފައިނަލްގެ ބުރެއް ނޯންނާނެއެވެ. ސެމީ ފައިނަލަށް ސީދާ ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ. ސެމީ ފައިނަލް މެޗުތައް މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު އޮންނާނީ މި މަހުގެ 10 ވާ އަންގާރަ ދުވަހުގެ ރޭގައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން ސެމީ ފައިނަލަށް ދަތުރުކުރާ ހަތަރު ޓީމަށާއި ފައިނަލަށް ދާ ދެ ޓީމަށް ވެސް ޚާއްސަ ފައިސާގެ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.




