”ގަން ފަހަތައް ޖައްސާލައި ލާމު އަތޮޅުގެ ފުޓުސަލް ރަސްކަމުގެ ތަޚުތަށް އިސްދޫ!؟
Gan fahathah jassailai Laamu atholhuge Futsal raskamuge thahuthah Ishdhoo!?

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލްގެ ފޯރި ގަދަވެގެން ގޮސްފައިވާއިރު، ހައްދުންމަތީގެ ފުޓްސަލް މައިދާނަކީ އަބަދުވެސް ޖޯޝާއި ވާދަވެރިކަމުން ފުރިގެންވާ މައިދާނެކެވެ. ލ. އަތޮޅުގެ ފުޓްސަލް ތާރީޚަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ހައިބަތު ބޮޑު ކުރިމަތިލުމަކީ ގަމާއި އިސްދޫގެ ދެމެދުގައި އުފެދި، ފައްކާވަމުން އަންނަ ވަރުގަދަ ވާދަވެރިކަމެވެ.

އެތައް އަހަރެއް ވަންދެން ގަމުން ދަމަހައްޓަމުން އައި ރަސްކަމުގެ ތަޚުތަށް އިސްދޫން ގޮންޖަހައި، ތާރީޚީ ކާމިޔާބީތަކެއް ހޯދަން ފެށުމާއެކު، މިއަދު މި ދެ ރަށުގެ ކުރިމަތިލުމަކީ ހަމައެކަނި މެޗަކުން މޮޅުވުމަށްވުރެ ބޮޑަށް، ދެ ރަށުގެ ޤަދަރާއި ފަޚުރާ ގުޅިފައިވާ ޙަޤީޤީ ކުޅިވަރު ޢީދެކެވެ.
ލ. އަތޮޅުގައި ފުޓްސަލްގެ ފުރިހަމަ ޘަޤާފަތެއް ބިނާކޮށް، ކުޅިވަރުގެ ފެންވަރު މަތިކުރުމުގައި ގަމަކީ މުހިންމު ދައުރެއް އަދާކުރި އެންމެ ވަރުގަދަ ބާރެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ލ. އަތޮޅު ތަށި ވިދިވިދިގެން ހަ ފަހަރު ކާމިޔާބުކޮށް، ގަމުން ވަނީ އެ އަތޮޅުގައި އެހެން އެއްވެސް ޓީމަކަށް ނުދެއްކޭ ފަދަ މޮޅު ކުޅުމަކާއި ސާބިތުކަމެއް ދައްކުވައިދީފައެވެ.

ގަމަކީ ހަމައެކަނި އަތޮޅު ފެންވަރުގައި ބާރުގަދަ ޓީމެއް ނޫނެވެ. މުޅި ރާއްޖޭގެ ފެންވަރުގައިވެސް އެ ރަށުގެ ޓީމަކީ ނުރައްކާތެރި، ހުނަރުވެރި ލަޝްކަރެކެވެ. އެގޮތުން އެޓީމުން ވަނީ 2023 ވަނަ އަހަރުގެ ގޯލްޑަން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން 2024 ވަނަ އަހަރުގެ މުބާރާތުގައި ވެސް އެ ޓީމު ވަނީ ފައިނަލުގައި ވާދަކޮށް ރަނަރަޕްކަން ވެސް ހޯދާފައެވެ.

އޭގެ ފަހުން އަތޮޅުން ބޭރުގައި ގަމުން ދެއްކި މޮޅު ކުޅުމުގެ ހެއްކަކީ، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެރިޓީ ޝީލްޑް މެޗުގައި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ ތ. ތިމަރަފުށި 3-2 އިން ބަލިކޮށް އެ ތަށި އުފުލައިލުމެވެ. އަދި ހަމަ އެ މަހުގެ ތެރޭގައި، ރާއްޖޭގެ ފުޓްބޯޅައާއި ފުޓްސަލްގެ ގަދަބާރެއް ކަމުގައިވާ ބ. އޭދަފުށި 1-0 އިން ބަލިކޮށް، ޢަބްދުﷲ ޖުނައިދުގެ ހަމައެކަނި ލަނޑުން ގަމުން އެ ޝީލްޑް ދިފާޢުކުރިއެވެ. މިފަދަ ބޮޑެތި ކާމިޔާބީތަކުން ސާބިތުކޮށްދިނީ ގަމަކީ ދިވެހިރާއްޖޭގެ އެންމެ މަތީ ފަންތީގެ ޓީމުތަކާ ވާދަކޮށް، ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ ގާބިލިއްޔަތުކަން ލިބިފައިވާ ފަންވަރުގަދަ ޓީމެއް ކަމެވެ.
ފުޓްސަލްގެ ވަރުގަދަ ތާރީޚެއް އޮތް ގަން ފަހަތަށް ޖައްސާލައި އިސްދޫގެ ކާމިޔާބީ ދަތުރު ފެށުން

ކުޅިވަރުގެ ޤާނޫނުގެ ހަގީގަތަކީ އެއްވެސް ޓީމެއްގެ ބާރު ދާއިމީކޮށް އެއްގޮތެއްގައި ނޯންނާނެ ކަމެވެ. ލ. އަތޮޅުގެ އެހެން ރަށްރަށުންވެސް ފުޓްސަލް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއްދީ، ޒުވާން ކުޅުންތެރިން ބިނާކޮށް، އެކަށީގެންވާ އިންވެސްޓްމަންޓްތަކެއް ކުރަން ފެށިއެވެ. މި ބަދަލުގެ އެންމެ ކުރީ ސަފުން ފެނިގެންދިޔައީ އިސްދޫއެވެ. އިސްދޫން އައީ ރޭވުންތެރިކަމާއެކު ޓީމު ވަރުގަދަކޮށް، ގަމުގެ އެއްވަނަ މަޤާމަށް ފާޅުކަން ބޮޑު ގޮތެއްގައި ގޮންޖަހަމުންނެވެ.
އިސްދޫގެ މި ހިތްވަރުގަދަ މަސައްކަތުގެ ފޮނިމީރުކަން އެންމެ ފުރިހަމައަށް ފެނިގެންދިޔައީ 2025 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ލ. އަތޮޅު ފައިނަލުގައެވެ. ހަ ފަހަރުގެ ޗެމްޕިއަން ގަމާ ދެކޮޅަށް ކުޅުނު މި ފޯރިގަދަ ފައިނަލްގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ގަމަށް އަޙްމަދު ޙަލީމް ލަނޑު ޖަހައި ކުރިހޯދައިދީފައި ވަނިކޮށް، އިސްދޫގެ ކެޕްޓަން ޢަލީ ޙުމެއިޒް (ހުމޭ) ވަނީ މުހިންމު ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 3-2 އިން ކުރިހޯދައި، އިސްދޫން ވަނީ ގަމުގެ ދިގު ރަސްކަމަށް ނިމުމެއް ގެނެސް، ތާރީޚުގައި ފުރަތަމަ ފަހަރަށް އަތޮޅު ޗެމްޕިއަންކަން ހޯދާފައެވެ. އިސްދޫގެ ކީޕަރު ވިސާމް ޢަބްދުﷲ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު އަދި ކެޕްޓަން ހުމޭ މުޅި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދިއިރު، އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ލިބުނީ ގަމުގެ އަޙްމަދު ޙަލީމަށެވެ. މިއީ ދެ ޓީމުގެ ދެމެދުގައި ހުރި ހުނަރުގެ އެންމެ މަތީ ފެންވަރު ހާމަކޮށްދިން މުބާރާތެއްގެ ގޮތުގައި ވަނީ ވެފައެވެ.
ވާދަވެރިކަން ދެމެހެއްޓުމާއި މުޅި އަތޮޅަށް ލިބުނު ކުރިއެރުން

ގަމާއި އިސްދޫގެ ކުރިމަތިލުމަކީ އެންމެ އަހަރަކުން ނިމިގެންދިޔަ ކަމެއް ނޫނެވެ. ވިދިގެން އައި 2026 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައިވެސް މި ދެ ޓީމުން ވަނީ މާވަށާއި މުންޑޫ ފަދަ ވަރުގަދަ ޓީމުތަކާ ވާދަކޮށް، ސެމީ ފައިނަލް ކަޑައްތުކުރުމަށްފަހު އަލުން ފައިނަލުގައި ބައްދަލުކޮށްފައެވެ. މި ފައިނަލުގައި އިސްދޫން ވަނީ ވިދިވިދިގެން ދެވަނަ ފަހަރަށް އަތޮޅު ތަށި ކާމިޔާބުކޮށް، އެ ޓީމުގެ ފެންވަރަކީ އިއްތިފާޤަކުން ފެނުނު ކަމެއް ނޫންކަން ސާބިތުކޮށްދީފައެވެ. އަނެއްކޮޅުން، ގަމުން ދެއްކި ސާބިތުކަމުން ދޭހަވަނީ އެ ޓީމަކީ އަބަދުވެސް ތަށްޓަށް އަމާޒުހިފާ، ފަސޭހައިން ދޫނުދޭނެ ފަދަ އަޒުމެއް އޮތް ޓީމެއް ކަމެވެ.

މި ދެ ޓީމުގެ ކުރިމަތިލުންތަކުގެ ސަބަބުން މުޅި ލ. އަތޮޅުގެ ފުޓްސަލް މައިދާނަށް ވަނީ އިންޤިލާބީ ބަދަލެއް އައިސްފައެވެ. އެއް ޓީމުން އަނެއް ޓީމު ބަލިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ކުޅުންތެރިންގެ ފިޓްނަސްއާއި، ޓެކްޓިކްސް އަދި ކުޅިވަރުގެ އަޚްލާޤަށް ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ސަޕޯޓަރުންގެ މެދުގައި އޮންނަ ފޯރިއާއި ރަށްރަށުގެ އެކުވެރިކަން އިތުރުވެ، މުޅި އަތޮޅަކީ ރާއްޖޭގެ ފުޓްސަލްގެ އެންމެ ވާދަވެރި އެއް މަރުކަޒަށް ވެގެންދިޔައެވެ.
ގަމާއި އިސްދޫގެ ފުޓްސަލް ވާދަވެރިކަމަކީ ކުޅިވަރުގެ ރީތިކަމާއި، އަޒުމާއި، ހުނަރުގެ ފުރިހަމަ މިސާލެކެވެ. ގަމުގެ ތާރީޚީ ކާމިޔާބީތަކާއި ޤައުމީ ފެންވަރުގެ ޝަރަފުވެރިކަން ދެމެހެއްޓުމަށް ކުރާ ހިތްވަރާއި، އިސްދޫގެ ހިތްވަރާއި ހުނަރުން ފުރިގެންވާ އާ އުސްމިންތަކަކީ ލ. އަތޮޅުގެ ކުޅިވަރު ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ސޮފްޙާތަކެކެވެ. ކުރިމަގުގައިވެސް މި ދެ ބާރުގެ ކުރިމަތިލުންތައް ވެގެންދާނީ، އަތޮޅުގެ ޒުވާނުންނަށް އައު ހިތްވަރެއް ގެނެސްދީ، ދިވެހި ފުޓްސަލްގެ މައިދާނުގައި ލ. އަތޮޅުގެ ނަން އެންމެ މަތީ ހަރުފަތުގައި ވިދުމަށް ލިބޭ މުހިންމު ބާރަކަށެވެ.




