މުކުރިމަގާއި ތުނޑި ބައްދަލުކުރި މެޗު އެއްވަރުވެ، މުބާރާތުގެ ފޯރި އިތުރަށް ގަދަވެއްޖެ

އުރީދޫ ލާމަސީލު ލާމު ފުޓުބޯޅަ މުބާރާތުގައި، މުކުރިމަގާއި ތުނޑި ބައްދަލުކުރި މެޗު އެއްވަރުވެ، ގުރޫޕު ”އޭ“ ގެ ފޯރި އިތުރަށް ގަދަވެއްޖެ އެވެ.

ގުރޫޕު ”އޭ“ އަށް ބަލާއިރު، ހަތް ޕޮއިންޓާއެކު އެއް ވަނައިގައި އޮތީ ދަނބިދު އެވެ. ރޭ ކުޅުނު މެޗު އެއްވަރުވުމާއެކު، ތުނޑި އަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. އަދި މުކުރިމަގަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. މި ތިން ޓީމަށްވެސް ބާކީ އޮތީ އެންމެ މެޗެކެވެ. ބާކީ ދެ މެޗު އޮތް މާމެންދުއަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. މި ހަތަރު ޓީމަށްވެސް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އަދި އެބައޮތެވެ. މުބާރާތުން ކަޓާފައިވަނީ އިއްޔެ ދަނބިދޫ ކައިރިން ބަލިވި ފޮނަދޫ އެވެ.

ރޭ މުކުރިމަގާއި ތުނޑި ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރިކަން ބޮޑު ދެ ޓީމު ބައްދަލުކުރަން ޖެހުމާއެކު، މި މެޗުގެ ފޯރިވެސް ވަނީ ގަދަވެފަ އެވެ. އަދި މި މެޗަކީ މިހާތަނަށް އެންމެ ގިނަ ކާޑު ދެއްކި މެޗެވެ. އެގޮތުން، މި މެޗުގައި ހަ ކުޅުންތެރިޔަކަށް ވަނީ ކާޑު ދައްކާފަ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ނަމަވެސް، ދެ ޓީމުންވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަނަވަސްކޮށްފަ އެވެ.

ދެވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި ތުނޑީ ޓީމުގެ އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދިން ހުރަހަކުން، އަލީ އަރުޝަދު (ޓޮއިން) ވަނީ ލަނޑެއް ޖަހައި، އެ ޓީމަށް ކުރިހޯދަދީފަ އެވެ.

މެޗުގެ 65 ވަނަ މިނެޓުގައި، މުކުރިމަގު ޓީމުގެ އަލީ ޝާމިސް (ތޮއްޕެ) އަށް، ތުނޑީ ޓީމުގެ އޭރިއާ ތެރެއިން ހުސައިން އަޒުމީ ފައުލް ކުރުމާ ގުޅިގެން، މުކުރިމަގަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ޕެނަލްޓީ ކާމިޔާބުކޮށް، މުކުރިމަގަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އެއީ މި މުބާރާތުގައި އިއްބެ ކާމިޔާބުކުރި ހަ ވަނަ ލަނޑެވެ.

ދެ ޓީމުގެ ފަރާތުންވެސް ލީޑު ނެގުމަށް މަސައްކަތް ކުރިނަމަވެސް، ކާމިޔާބުވާ ގޮތެއް ނުވިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މުކުރިމަގު ޓީމުގެ އިބްރާހިމް ވަހީދު ހަސަން އެވެ.

ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މުކުރިމަގު ބައްދަލުކުރާނީ މާމެންދުއާ އެވެ. އަދި ތުނޑި ނިކުންނާނީ ދަނބިދުއާ ދެކޮޅަ ށެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments