ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖްގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ

ޖޮޒީ އެމްވީގެ ފަރާތުން އިންތިޒާމުކޮށްގެން ލ.ހިތަދޫގައި ބާއްވާ “ޖޮޒީ އެމްވީ ފުޓްސަލް ޗެލެންޖް 2024” ގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސައިފި އެވެ.
ޖޮޒީ އެމްވީ އާއި ލާމު އެމްވީ އާ ދެމެދު ވެވުނު އެއްބަސްވުމުގައިވާ ގޮތުގެ މަތިން، މުބާރާތުގެ ހުރިހައި އަދާހަމައެއް ލާމު އެމްވީ އިން ގެނެސްދޭނެ އެވެ. އަދި މުބާރާތް އިތުރަށް އިޝްތިހާރު ކުރުމާއި، ކާމިޔާބު މުބާރާތަކަށް ހެދުމަށް ލާމު އެމްވީ އިން މަސައްކަތް ކުރާނެ އެވެ.
މި މުބާރާތަކީ ޖޮޒީ އެމްވީގެ ފަރާތުން، މުޅި ލ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. އެހެންކަމުން، މުބާރާތުގައި ކުޅެވޭނީ ލ.އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނަ ށެވެ. ނަމަވެސް، ކޮންމެ ޓީމެއްގައިވެސް އަތޮޅުން ބޭރު ދެ ކުޅުންތެރިން ހިމެނޭނެ އެވެ. ޖޮޒީ އެމްވީ އިން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ މުބާރާތުގައިވެސް، ރާއްޖޭގެ އެންމެ މަތީ ފަންތީގެ ގިނަ ކުޅުންތެރިންތަކެއް ކުޅޭނެ އެވެ.
މިއަހަރުގެ މުބާރާތަކީ ޖޮޒީ އެމްވީ އިން ބާއްވާ މިފަދަ ދެވަނަ މުބާރާތެވެ. ފުރަތަމަ މުބާރާތް ބާއްވާފައިވަނީ 2023 ވަނަ އަހަރު އެވެ. ޖޮޒީ އެމްވީގެ ފަރާތުން މުޅިން އަލަށް ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ގްރޭޓް ޖެނެރޭޝަން ސްޕޯޓްސް ކްލަބް (ޖީޖީއެސްސީ) އެވެ.
މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހު 10 ވަނަ ދުވަހު އެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިހާރު ހަމަވެފައިވާއިރު، ޖުމްލަ 10 ޓީމަކުން ވަނީ މި މުބާރާތުގައި ބައިވެރިވެފަ އެވެ. މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު އޮންނާނީ އޯގަސްޓް މަހު ފަސް ވަނަ ދުވަހު އެވެ.
މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސާފައިވާއިރު، އެހެނިހެން ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ އެމް.ޑަބްލިއު.އެސް.ސީ، މޯލްޑިވިއަން، ދިރާގު އަދި ސްނޯ ޑްރޮޕް އެވެ.