ގޯޅިއަންސް ބަލިކޮށް، ކޭއޭސީއެލް ފައިނަލަށް

މިހާރު ކުރިޔަށްދާ ގަމު ކައުންސިލް އެމް.އެން.ޔޫ.އެސް.ޔޫ އަހުރަ ހޭންޑްބޯޅަ މުބާރާތް 2024 ގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ގޯޅިއަންސް ބަލިކޮށް، ކައްދޫ އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (ކޭއޭސީއެލް) ފައިނަލަށް ދަތުރުކޮށްފި އެވެ.
މި ދެ ޓީމުންވެސް ވަނީ މުބާރާތުގެ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. ކޭއޭސީއެލް ފައިނަލަށް ދަތުރުކުރީ 28-26 ގެ ނަތީޖާއަކުން ގޯޅިއަންސް ބަލިކުރުމަށްފަހު އެވެ. މިއާއެކު، ގޯޅިއަންސް ޖެހޭނީ ގަމު ރީޖަނަލް ހޮސްޕިޓަލް (ޖީއާރުއެޗް) އާ ދެކޮޅަށް ސެމީ ފައިނަލް މެޗު ކުޅޭންށެވެ.
ރޭ މަތިމަރަދޫ ދަނޑުގައި ކުޅުނު މެޗުގެ ދެ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިފައިވަނީ ވާދަވެރު ކުޅުމެކެވެ. ފުރަތަމަ ހާފު ނިމުނުއިރު، 14-14 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރު ވެފައިވާއިރު، ދެ ޓީމުންވެސް ވަނީ މި ހާފުގައި ލީޑު ނަގާފަ އެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ ލީޑު ނެގީ ކޭއޭސީއެލް އިންނެވެ. ނަމަވެސް، އެ ޓީމަށް ދެ ލަނޑަށްވުރެ ބޮޑު ފަރަގެއް ހޯދިފައެއް ނުވެއެވެ. ގޯޅިއަންސް އިން ނަތީޖާ ހަމަހަމަ ކުރިކަމުގައިވިޔަސް، ކޭއޭސީއެލް އިންވަނީ އަނބުރައި ލީޑު ނަގާފަ އެވެ. މި މެޗުގައި ކޭއޭސީއެލްގެ އިބްރާހިމް ހައިޝަމް އަބްދުﷲ، ހުސައިން އަބްދުލް މަޖީދު އަދި މުހައްމަދު މަހުދީ އަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު، ކޭއޭސީއެލްގެ އަހުމަދު ނަޖީބު (ޑަންކު) ވަނީ 10 ލަނޑު ޖަހާފަ އެވެ. އަދި މަހުދީ ހަތް ލަނޑު ޖެހިއިރު، ހައިޝަމް ވަނީ ހަ ލަނޑު ޖަހާފަ އެވެ. މީގެއިތުރުން، ހުސައިން އަބްދުލް މަޖީދު އާއި މުހައްމަދު އައިމަން ޝަކީބް ދެ ލަނޑު ޖެހިއިރު، އަލީ ރުޚްޝާން ވަނީ ލަނޑެއް ޖަހާފަ އެވެ.
ގޯޅިއަންސް އިން ޖެހި 26 ލަނޑުގެ ތެރެއިން 15 ލަނޑު ކާމިޔާބުކުރީ ޤައުމީ ޓީމު ކުޅުންތެރިޔާ، ރާއިދު ރަޝީދެވެ. މީގެއިތުރުން، އަހުމަދު ހަލީމް (އައްމަޑޭ) ހަތަރު ލަނޑު ޖެހިއިރު، އަލީ އަޖުމަލް (އަޖޭ) ވަނީ ތިން ލަނޑު ޖަހާފަ އެވެ. އަދި މުއާން އިބްރާހިމް ވަނީ ދެ ލަނޑު ޖަހާފަ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކުރީ އަހުމަދު އަތީފް އާއި ހުސައިން އަޒުމީ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގައި ގޯޅިއަންސް އާއި ޖީއާރުއެޗު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ.