ސީސީއެފްއޭ އިންޓަނޭޝަނަލް ސޮކާ ޓުއާ ތައިލެންޑް: ޗެމްޕިއަންކަން ހޯދި އެފްއެފްއެފް ދެ ޓީމުގައި އެޕެކްސްގެ ހަ ކުޅުންތެރިން

ތައިލެންޑުގައި ކުރިޔަށްދިޔަ ސީސީއެފްއޭ އިންޓަނޭޝަނަލް ސޮކާ ޓުއާގެ 16 އަހަރުން ދަށުގެ ހަތަރުވަނަ ޑިވިޝަނާއި، 13 އަހަރުން ދަށުގެ ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން، ލާމު އެޕެކްސް ސްޕޯޓްސް އެކަޑަމީ ހަ ކުޅުންތެރިން ހިމެނޭ، ފްރެންޑްސް ފުޓްބޯލް ފެމެލީ (އެފްއެފްއެފް) އިން ހޯދައިފި އެވެ.

މި މަހުގެ 28 އަދި 29 ވަނަ ދުވަހު ތައިލެންޑުގައި ކުރިޔަށްދިޔަ މި މުބާރާތަކީ ރާއްޖެ އާއި ތައިލެންޑުގެ އިތުރުން، އިންޑޮނޭޝިއާ ފުޓުބޯޅަ އެކަޑަމީ ތަކުގެ މެދުގައި ބޭއްވުނު މުބާރާތެކެވެ.

މި މުބާރާތުގެ ކޮންމެ އުމުރުފުރާއެއް ވަނީ ދެ ގުރޫޕަކަށް ބަހާލާފަ އެވެ. އެޔަށްފަހު، ލީގު ބުރު ނިމުމުން، ސީޑު ކުރާ ތަރުތީބުން ޓީމުތައް ވަނީ ޑިވިޝަންތަކަކަށް ބަހާލާފަ އެވެ. އެގޮތުން، އެފްއެފްއެފްގެ 16 އަހަރުން ދަށުގެ ޓީމަށް ލީގު ބުރުން ހަތަރުވަނަ ލިބުމުން، އެ ޓީމު ކުޅެން ޖެހުނީ ހަތަރުވަނަ ޑިވިޝަނުގެ ފައިނަލެވެ. މި ޓީމަށް އެޕެކްސްގެ ދެ ކުޅުންތެރިން ކަމުގައިވާ އަނާން އިބްރާހިމް އާއި ތާއިއު އަބްދުލް ހަކީމް ވަނީ ކުޅެފަ އެވެ. ހަމައެހެންމެ، ލ.ގަމު، މުހައްމަދު މާކިން މައުމޫން ވެސް ވަނީ އެ ޓީމަށް ކުޅެފަ އެވެ.

13 އަހަރުން ދަށުގެ ޓީމަށް ލީގު ބުރުން ތިންވަނަ ލިބުމާއެކު، އެ ޓީމުން ވަނީ ތިންވަނަ ޑިވިޝަނުގެ ފައިނަލް ކުޅެފަ އެވެ.  އެ ޓީމަށް އެޕެކްސްގެ ހަތަރު ކުޅުންތެރިން ވަނީ ކުޅެފަ އެވެ. އެއީ، މުހައްމަދު އިޒްޔާން، އިބްރާހިމް ހުނެއިފް، އަލީ ޝަމްހާން މުހައްމަދު އިމާދު އަދި މުހައްމަދު އައިމާން އެވެ. އެޕެކްސް ކުޅުންތެރިންނާއެކު، އެޕެކްސްގެ ރައީސް، އަހުމަދު ބައްސާމް ވެސް ވަނީ މި ދަތުރުގައި ބައިވެރިވެފަ އެވެ.

މި މުބާރާތުގެ ސަބަބުން، އެޕެކްސްގެ ކުޅުންތެރިންނަށް ވަނީ ބޮޑު ތަޖުރިބާއެއް ލިބިފަ އެވެ. އަދި މިފަދަ މުބާރާތްތަކުން ފުރުސަތު ލިބުމަކީ، އެކަޑަމީގައި ހިމެނޭ ކުޅުންތެރިންގެ ޝައުގުވެރިކަންވެސް އިތުރުވާނެ ކަމެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments