ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތް: އުނދަގޫ މޮޅަކާއެކު އައިވައިޔޫ ސެމީ އާ ގާތަށް

މިހާރު ކުރިޔަށްދާ ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގައި، އަންގާރަ ދުވަހު އަކިރިކޮޅު ސްޕޯޓްސް ކްލަބް އަތުން ހޯދި އުނދަގޫ މޮޅަކާއެކު، އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) ސެމީ ފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލައިފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ޓީކޭ ސްޕޯޓްސް ކްލަބް އަތުން އައިވައިޔޫ ބަލިވިނަމަވެސް، އެ ޓީމުން ވަނީ ޖެހިގެން އައި ދެ މެޗުން މޮޅުވެ، އުއްމީދު އައުކޮށްފަ އެވެ. ގުރޫޕް ސްޓޭޖުގައި އެ ޓީމަށް ދެން އޮތީ އަމިގޯސް އާ ދެކޮޅަށް ކުޅޭ މެޗެވެ.
އަންގާރަ ދުވަހުގެރޭ ފޮނަދޫ މެދުއަވަށު ވޮލީބޯޅަ ކޯޓުގައި ކުޅުނު މެޗުން އައިވައިޔޫ މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުގައި އަކިރިކޮޅަށް ގިނަ ގޯސްތަކެއް ހެދިފައިވާއިރު، އައިވައިޔޫ އިންވަނީ 25-15 އިން ސެޓު ކާމިޔާބުކޮށްފަ އެވެ.
ދެވަނަ ސެޓު ފެށިގެން، އަކިރިކޮޅުން ވަނީ އައިވައިޔޫގެ ގޭމު ރަނގަޅަށް ރީޑު ކޮށްފަ އެވެ. އެ ސެޓުގައި އަކިރިކޮޅުން ވަނީ މޮޅު ޑިފެންސިވް ކުޅުމެއް ކުޅެފަ އެވެ. އަދި އައިވައިޔޫ އިން ވަނީ ގިނަ ސާވިސްތަކަކުން ޕޮއިންޓު ގެއްލުވާލާފަ އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި ސެޓު، އަކިރިކޮޅުން ކާމިޔާބުކުރީ 25-23 އިންނެވެ.
އައިވައިޔޫ އިންވަނީ ކުޅުން ރަނގަޅުކޮށް، ޖެހިގެން އައި ދެ ސެޓު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ފަހު ދެ ސެޓު ކާމިޔާބުކުރީ 25-16 އަދި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އައިވައިޔޫގެ ހައްވާ ރާޝިދާ (ހައްވަ) އެވެ.
އައިވައިޔޫ އާއި އަމިގޯސް ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު ހަވީރު އެވެ.