ފޮނަދޫ ކައުުންސިލް ފުޓްސަލް ޓޯނަމެންޓް: ހަތަރު ޓީމަކަށް ކުއާޓާގެ ޖާގަ ކަށަވަރުވެއްޖެ

އަރަފާ ފޮނަދޫ ކައުންސިލް ފުޓްސަލް ޓޯނަމެންޓުގައި މިރޭ ކުރިޔަށްދިޔަ މެޗުތަކަށްފަހު، ހަތަރު ޓީމަކަށް ކުއާޓާގެ ޖާގަ ކަށަވަރުވެއްޖެއެވެ.

މިރޭގެ ފުރަތަމަ މެޗުގައި އެވަލްޒް އެސްސީން ވަނީ 5-2 ގެ ނަތީޖާއަކުން ލައްވި އެފްސީ ބަލިކޮށްފައެވެ. ލައްވި ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ސޭންޑްސް އޮފް ލާމު އަތުންވެސް ބަލިވެފައެވެ. މިއާއެކު، ސޭންޑްސް އޮފް ލާމާއި އެވަލްޒް އެސްސީއަށް ވަނީ ކުއާޓާގެ ޖާގަ ކަށަވަރުވެފައެވެ.

އެވަލްޒް އާއި ލައްވި ބައްދަލުކުރި މެޗުގައި އެވަލްޒްގެ ބާސިމް އަބްދުލް ސަމަދާއި އަބްދުﷲ ފަޔާޒް ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ މުހައްމަދު ޝިފާއުއެވެ. ލައްވިގެ ލަނޑުތައް ކާމިޔާބުކުރީ އިސްމާއީލް އިބްރާހިމް އާއި ޝައިފު އިސްމާއީލެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެވަލްޒްގެ ބާސިމްއެވެ.

ކުއާޓާގެ ޖާގަ ކަށަވަރުވި އަނެއް ދެ ޓީމަކީ ޖީ-ސްޓާ އެސްސީ އާއި އެވަލްޒް އެފްސީއެވެ. މި ދެ ޓީމުންވެސް ވަނީ ބްލެކް ސްޓްރީޓް އެސްސީ ބަލިކޮށްފައެވެ. އެގޮތުުން، މިރޭ ޖީ-ސްޓާއިން ވަނީ 12-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބްލެކް ސްޓްރީޓް ބަލިކޮށްފައެވެ. މިއީ މިހާތަނަށް މި މުބާރާތުގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

ޖީ-ސްޓާއިން 12 ލަނޑު ޖެހިއިރު، އޭގެތެރެއިން އަށް ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އަހުމަދު އަލްތާފް އަޒީމްއެވެ. މީގެއިތުރުން، އިބްރާހިމް ނަސްއަތު ދެ ލަނޑު ޖެހިއިރު، އިބްރާހިމް ޒިހާން އާއި އަބްދުލް ފައްތާހު ވަނީ ލަނޑު ޖަހާފައެވެ.

މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ރިއަލް ޖާޒީ އާއި އަފޭންނެވެ. މި ދެ ޓީމުވެސް ވަނީ މުބާރާތުގައި ފުރަތަމަ ކުޅުނު މެޗު ކާމިޔާބުކޮށްފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެނެވެ. މި މެޗުގައި ރިއަލް ޖާޒީގެ ލަނޑުތައް ކާމިޔާބުކުރީ ހުސައިން އާސިމް އާއި އަލީ ހުސައިންގެ އިތުރުން އަހުމަދު ޝަފީއުއެވެ. އަދި އަފޭންގެ ލަނޑުތައް ޖެހީ މުހައްމަދު ޔާމީން ޝަރީފާއި އަހުމަދު ޝާމިޒްގެ އިތުރުން ހައްޔާން ޝަރީފެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހައްޔާނެވެ.

މާދަމާ ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައިލެންޑާސް އެސްސީ އާއި ކިޔުއެމް އެސްއޭއެވެ. ދެވަނަ މެޗުގައި ޖީ-ސްޓާ ޖޭއާރު ނިކުންނާނީ ވައްޓަފާޅި ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ބައްދަލުކުރާނީ ސޭންޑްސް އޮފް ލާމާއި އެވަލްޒް އެސްސީއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments