ދިވެހި ސާފް ލީގުގެ ބޮޑު މުބާރާތެއް މާބައިދޫގައި ބާއްވަނީ، މުޅި އަތޮޅަށް ބޮޑު ފަޚުރެއް

ދިވެހި ސާފް ލީގުގެ ބޮޑު މުބާރާތެއް ހައްދުންމަތީ މާބައިދޫގައި ބާއްވަން މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން (އެމްއެސްއޭ) އިން ނިންމައިފިއެވެ.
ސާފިންގ އެސޯސިއޭޝަނުން ވަނީ މާބައިދޫގައި މި މުބާރާތް ބާއްވަން ނިންމައި، މާބައިދޫ ކައުންސިލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއީ މިފަދަ މުބާރާތެއް ލ.އަތޮޅުގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިއާއެކު، މިއީ މުޅި ލ.އަތޮޅަށްވެސް ލިބިގެންދާނެ ބޮޑު ފަޚުރެކެވެ.
މާބައިދޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ދިވެހި ސާފް ލީގުގެ ”ކެރަންދޫ“ އިވެންޓެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުއެވެ.
މިއަހަރުގެ ސާފް ލީގުގައި ޖުމްލަ ތިން އިވެންޓު ހިމެނޭއިރު، ”ކެރަންދޫ“ އަކީ ދެވަނަ އިވެންޓެވެ. ފުރަތަމަ އިވެންޓަކީ ”މުލީކޮޅު ރާޅުގަނޑު“ އެވެ. އަދި ލީގުގެ އެންމެ ބޮޑު އިވެންޓު ކަމަށްވާ ”ރަންނަމާރި ޗެލެންޖް“ އަށް ކޮލިފައިވުމަށް، ލީގުގެ ފުރަތަމަ ދެ އިވެންޓުގައި ވާދަކުރުން މަޖުބޫރުވާނެއެވެ. މިއާއެކު، ރާއްޖޭގެ އެންމެ ފުންނާބު އުސް ރާޅާ އެޅުންތެރިން ”ކެރަންދޫ“ މުބާރާތުގައި ވާދަކުރާނެއެވެ. މިއީ ލ.އަތޮޅުގެ ލޯކަލް ޓުއަރިޒަމަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
”ލާމު އެމްވީ“ އަށް މައުލޫމާތު ދެއްވަމުން މާބައިދޫ ކައުންސިލްގެ ރައީސް، އިބްރާހިމް ވިސާމް ވިދާޅުވީ، ކައުންސިލަށް އިންތިހާބު ވުމަށްފަހު އެންމެ ފުރަތަމަ ކައުންސިލުން ކުރި ރަސްމީ ދަތުރުގައި އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީއާ ބައްދަލުކޮށް، ގައުމީ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެއް މާބައިދޫ ރާޅުގަނޑުގައި ބާއްވަން ޝައުގުވެރިކަން ފާޅުކުރެއްވި ކަމަށެވެ. އަދި އެޔަށްފަހު ރަސްމީ ދަތުރެއްގައި މާލެ ދާ ކޮންމެ ފަހަރަކު މިކަމާ މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިކަމުގައި ރަށުގައި އުޅޭ ރާޅާ އެޅުންތެރިންގެ ފުރިހަމަ އެއްބާރުލުން ލިބުނު ކަމަށް ފާހަގަކުރެއްވިއެވެ.
ވިސާމް އިތުރަށް ވިދަޅުވީ، މާބައިދޫ ރާޅާ އަޅާ ސަރަހައްދަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއް ސަރަހައްދު ކަމަށެވެ. އެހެންނަމަވެސް، އެ ސަރަހައްދު މާކެޓް ކުރުމަށް މިހާތަނަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ. އަދި މި މުބާރާތުގެ ސަބަބުން، މުޅި ރާއްޖޭގެ ސަމާލުކަން އެ ސަރަހައްދައް ލިބޭނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މި މުބާރާތުގެ ސަބަބުން ސާފް ކުރުމަށް ޝައުގުވެރިވާ ފަތުރުވެރިން ރަށަށް ޒިޔާރަތްކުރުން އިތުރުވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އުއްމީދާއެކު ވާހަކަ ދައްކަވަމުން ވިސާމް އިތުރަށް ވިދާޅުވީ، މި މުބާރާތް ވެގެންދާނީ މާބައިދޫގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތް ކަމަށެވެ. އަދި މިއީ މުޅި ލ.އަތޮޅުގައިވެސް ބާއްވާ އެންމެ ބޮޑު އެއް ހަރަކާތައް ވާނެ ކަމަށާއި، މިކަމުގެ ސަބަބުން މުޅި އަތޮޅަށްވެސް ފައިދާވާނެ ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، ވިސާމް ވަނީ މިކަމުގައި ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަން ފާހަގަކުރައްވާފައެވެ.
ދިވެހިި ސާފް ލީގުގެ މި މުބާރާތް ވެގެންދާނީ މުޅި ލ.އަތޮޅަށް އަންނަ ބޮޑު އީދަކަށެވެ. މި މުބާރާތުގެ ސަބަބުން، އަތޮޅުގައި ތިބި ރާޅާ އެޅުންތެރިންނާއި، މުއައްސަސާތަކާއި، ވިޔަފާރިތަކުގެ އިތުރުން ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެއެވެ.