ޖަލު އޮފިސަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ޖަލު އޮފިސަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. މި މަގާމަށް ކުރިމަތިލުމުގެ އިތުރު ޝަރުތަކުގެ ތެރޭގައި ދަށްވެގެން ޖީ.ސީ.އީ އޯލެވެލް ފެންވަރު ހުރުން، އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުން ނުވަތަ ގްރޭޑް 10 ނިންމާފައިވުން ހިމެނެއެވެ.
މީގެ އިތުރުން، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތް ވާން ވާނީ ފުރިހަމަ ސިއްހަތެއްގައި ހުރި، ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައި ނުވާ އަދި މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާ ފަރާތަކަށް ވެގެން ނުވާނެއެވެ.
މި ވަޒީފާގެ އަސާސި މުސާރައަށް ކަނޑައަޅާފައިވަނީ 6،050 ރުފިޔާއެވެ. ހުވައި ކުރުމަށްފަހު ސަރވިސް އެލަވެންސް ގޮތުގައި 3500 ރުފިޔާ ލިބޭއިރު ނޮން ޕްރެކްޓިސްގެ ގޮތުގައި އަސާސީ މުސާރައިގެ 45 އިންސައްތަ ލިބޭނެއެވެ. ހުވައި ކުރުމަށްފަހު ލިވިން އެލަވެންސް ގޮތުގައި 2500 ލިބޭއިރު، 300 ރުފިޔާގެ ޔުނިފޯމް އެލަވެންސްއެއް ވެސް ލިބޭނެއެވެ. އެގޮތުން ހުވައި ކުރުމަށް ފަހު ޖަލު އޮފިސަރަކަށް 15،072 ރުފިޔާގެ މުސާރައެއް ލިބޭނެއެވެ.
ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މިމަހުގެ 19 ވަނަ ދުވަހުގެ 18:00 އެވެ. މި ވަޒީފާއަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިޔެކިއުންތަކާއި އިތުރު ތަފްސީލު ވަނީ އިއުލާނާއާއެކު ގެޒެޓްކޮށްފައެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 3026114 ނަންބަރަށް ނުވަތަ 9112451 ވައިބަރ ނަމްބަރަށެވެ.