ލީޑް ވެޓެރަންސް ފުޓްސަލް ކަޕްގެ ޕީއާރު އަދި ލައިވް ސްޓްރީމިންގ ޕާޓްނަރަކަށް ”ލާމު އެމްވީ“
LYD Veterans futsal cup ge PR adhi Live streaming partner akah "Laamu MV"

ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ލީޑް ވެޓްރަންސް ފުޓްސަލް ކަޕް 2025 ގެ ޕީއާރު އަދި ލައިވް ޕާޓްނަރަކަށް ”ލާމު އެމްވީ“ ހަމަޖައްސައިފިއެވެ.
ލީޑް އާއި ލާމު އެމްވީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، މުބާރާތުގެ ހުރިހައި އަދާހަމައެއް ލާމު އެމްވީ އިން ގެނެސްދޭނެއެވެ. އަދި މުބާރާތް އިޝްތިހާރުކޮށް ޕްރޮމޯޓް ކުރުމަށް ލާމު އެމްވީ އިން ހަރަކާތްތެރިވާނެއެވެ. މީގެއިތުރުން، މުބާރާތުގެ ހުރިހައި މެޗެއް ލައިވް ސްޓްރީމް ކުރާނީ ލާމު އެމްވީ އިންނެވެ.
ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް މުބާރާތް ހުޅުވާލާފައިވަނީ މުޅި ރާއްޖެއަށެވެ. އެގޮތުން، މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމު ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅޭ މި މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ފައިނަލުގައި ވާދަކުރި ދެ ޓީމު ކަމަށްވާ ކަންމަތި ސްޕޯޓްސް ކްލަބާއި އަފޭންނެވެ.
މިއީ ވެޓަރަންސް ނުވަތަ ކުރީގެ ކުޅުންތެރިންނަށް ހާއްސަ މުބާރާތެއް ކަމުން، މި މުބާރާތުގައި ކުޅެވޭނީ ރާއްޖެއަށް ނިސްބަތްވާ އުމުރުން 35 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. ނަމަވެސް، މުބާރާތުގެ ގަވައިދުގައިވާ ގޮތުގެ މަތިން، ކޮންމެ ޓީމެއްގައިވެސް 30 އަހަރާއި 35 އަހަރާ ދެމެދުގެ އެއް ކުޅުންތެރިއެއް ހިމެނިދާނެއެވެ.
2022 ވަނަ އަހަރު އަލަށް މި މުބާރާތް ބޭއްވިއިރު ޗެމްޕިއަންކަން ހޯދީ ލ.މާވަށުންނެވެ. އަދި މިދިޔަ އަހަރުގެ ޗެމްޕިއަނުންނަކީ އަފޭންނެވެ. މިއަހަރުގެ މުބާރަތްވެސް ކުރިޔަށްދާނީ ފޮނަދޫ ފުޓްސަލް ދަނޑުގައެވެ.
މުބާރާތުގެ ޕީއާރު އަދި ލައިވް ސްޓްރީމިންގ ޕާޓްނަރަކަށް ލާމު އެމްވީ ހަމަޖައްސާފައިވާއިރު، ކިޓް ޕާޓްނަރަކީ ރިއަލް ޖާޒީ އެވެ.