ކޭއޭސީއެލް އިންޓަރ ޑިޕާޓްމަންޓް ފުޓްސަލް ޗެލެންޖް 2023ގެ ގުރުނަގައިފި

ލާމު ކައްދޫ ރިކްރިއޭޝަން ކުލަބުގެ ފަރާތުން އިންތިޒާމު ކޮށްގެން ކައްދޫ އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ” ކޭއޭސީއެލް އިންޓަރ ޑިޕާޓްމަންޓް ފުޓްޗަލް ޗެލެންގް 2023″ ގެ ގުރުނަގައިފިއެވެ.
މުބާރާތުގެ ގުރުނެގުން ކުރިޔަށް ގެންގޮސްފައިވަނީ މިއަދު މެންދުރުފަހު 2:00 ގައި ކައްދޫ އެއަރޕޯޓުގެ ކިނބި ލައުންޖްުގައި ކުރިޔަށް ގެންދިޔަ ޚާއްޞަ ރަސްމިއްޔާތުގައެވެ.
މި މުބާރާތުގައި ވާދަކުރަނީ ޖުމުލަ ހަތަރު ޓީމެވެ. އެއީ އޮޕަރޭޝަންސް، މަފިޓް، މެޕްސް އެފްސީ އަދި ޑްރީމާސް އެވެ.
ލީގު އުސޫލުން ކުރިޔަށް ގެންދާ މި މުބާރާތުގެ ޤަވައިދު ބުނާގޮތުން ފުރަތަމަ ބުރުގެ މެޗުތަށް ކުޅެ ނިމޭއިރު، އެންމެ ގިނަ ޕޮއިންޓް ހޯދާ ތިން ޓީމަށް މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ލިބޭނެއެވެ. ސެމީއިން ޖާގަ ލިބޭ ތިން ޓީމުގެ މެދުގައި ސެމީ ފައިނަލުގެ ދެމެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މެޗުތައް ކުޅެ ނިމޭއިރު، އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ޕޮއިންޓް ޓޭބަލްގެ އެންމެ ކުރި ލިބޭ ޓީމަކާއި ޓޭބަލްގެ ދެވަނަ ލިބޭ ޓީމެވެ. މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުވެގެންދާނެއެވެ. އަދި މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ލިބޭނީ ފުރަތަމަ ސެމީ ފައިނަލް މެޗުން ބަލިވާ ޓީމަކާއި ޓޭބަލްގެ ތިންވަނަ ލިބޭ ޓީމް ބައްދަލުކުރާ ދެވަނަ ސެމީ ފައިނަލް މެޗުން ކުރި ލިބޭ ޓީމަކަށެވެ.
މުބާރާތުގެ ކުޅުން މާދަމާރޭ ފެށުމަށް މަހަޖެހިފައިވާއިރު، މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ޑްރީމާސް އާއި މެޕްސް އެފްސީއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 9:00 ގައެވެ. ހަމަ އެރޭ މި މުބާރާތުގެ ދެވަނަ މެޗެއްވެސް ކުޅެން ހަމަޖެހިފައިވާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ އޮޕަރޭޝަންސް އާއި މަފިޓްއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެރޭ 10:00 ގައެވެ.
މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ކައްދޫ އެއަރޕޯޓުގައި މަސައްކަތް ކުރާ އެންމެހައި މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް ދިރުވުމާއި،މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިޖްތިމާއީ ގުޅުންތައް ބަދަހި ކުރުމަށްކަމަށް މުބާރާތް އިންތިޒާމުކުރި ފަރާތުންބުނެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ ފޮނަދޫ މެދުއަވަށު ރަސްމީ ފުޓްސަލް ދަނޑުގައެވެ.