ދަގަނޑޭ އާއެކު ކުޅުނު ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދައި، ކަންމައްޗަށް ގުރޫޕުގެ އެއްވަނަ

Dhagandey aa eku kulhunu furathama match in bodu molheh hoadhai, Kanmahchah group ge ehvana

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) އާއެކު ކަންމަތި ސްޕޯޓްސް ކްލަބުން މިއަހަރުގެ ދި ހޯކްސް ލީޑް ވެޓްރަންސް ފުޓްސަލް ކަޕުގައި ކުޅުނު ފުރަތަމަ މެޗުން ބޮޑު މޮޅެއް ހޯދައި، ގުރޫޕު ”ބީ“ ގެ އެއްވަނަ ހޯދައިފިއެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި އައުޓްރީފް ސްޕޯޓްސް ކްލަބުން ފެނުނު ދަގަނޑޭ، މިއަހަރުގެ މުބާރާތުގައި ކުޅެނީ އެންމެ ފަހުގެ ރަނަރަޕް، ކަންމައްޗަށެވެ. މުބާރާތް ފެށުމުގެ ގޮތުން ކުޅެވުނު ޗެރިޓީ ޝީލްޑް މެޗާއި ގުރޫޕް ސްޓޭޖުގެ ފުރަތަމަ ތިން މެޗުގެ ސްކޮޑުގައި ދަގަނޑޭ ހިމަނާފައެއް ނުވެއެވެ. ދަގަނޑޭ އާއެކު ކަންމަތިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ 11-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކިންގް ބަލިކޮށްފައެވެ. މިއާއެކު ކަންމައްޗަށް ވަނީ ފުރިހަމަ ރެކޯޑަކާއެކު ގުރޫޕުގެ އެއްވަނަ ލިބިފައެވެ.

ފޮނަދޫ މެދުއަވަށު ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު މެޗުގައި ކަންމަތި ޓީމުގެ އިސްމާއިލް އީސާ (މެސީ) ހަތް ލަނޑު ޖެހިއިރު، ދަގަނޑޭ ވަނީ ދެ ލަނޑު ޖަހާފައެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖެހީ މުހައްމަދު ޝާއިރު އާއި އަހުމަދު ހުސައިން އެވެ. ކިންގުގެ ލަނޑުތައް ޖެހީ އަހުމަދު ހާފިޒް އާއި އިބްރާހިމް ޝަކީބް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަންމަތިގެ މެސީ އެވެ.

ކަަންމަތި ސްޕޯޓްސް ކްލަބުން ގުރޫޕުގެ އެއްވަނަ ހޯދާފައިވާއިރު، ދެވަނައަށް ވާދަކުރަނީ ސެންޓްރަލް އޭރިއާ ކޮމާންޑް (ސީއޭސީ) ވެޓްރަންސް، މުންޑޫ ވެޓްރަންސް އަދި އެވާލީ ސްޕޯޓްސް ކްލަބެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments