ޖީ.އެމް.ސީ.އީ އަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއް، ބޭނުންކުރާނަމަ ގާނޫނީ ފިޔަވަަޅު އަޅާނަން: ފުލުހުން
GMCE akee olhuvaalaigen hingaa pyramid scheme eh, beynun kuraanama gaanoonee fiyavalhu alhaanan: fuluhun

ޖީ.އެމް.ސީ.އީ ނުވަތަ ޖެމްކިއު އަކީ އޮޅުވާލައިގެން ހިންގާ ޕިރަމިޑް ސްކީމެއް ކަމަށާއި، މި ސްކީމް ހިންގައި، ޕްރޮމޯޓް ކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޖީ.އެމް.ސީ.އީ ނުވަތަ ޖެމްކިއުގެ ނަމުގައި ވެބް އެޕްލިކޭޝަންއެއް މެދުވެރިކޮށް، ހިންގަމުންދާ ގެންދާ އިންވެސްޓްމެންޓް ސްކީމަކީ އިންވެސްޓްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަަށް އަމާޒުކޮށްގެން، އިންޓަރނެޓް މެދުވެރިކޮށް ހިންގާ އޮންލައިން ޕްލެޓް ފޯމެއް ކަމަށެވެ.
މި ޕްލެޓްފޯމުގައި ބައިވެރިވާ ފަރާތްތަކަށް ޔޫ.އެސް.ޑީ.ޓީ ނަމަކަށް ކިޔާ ޑިޖިޓަލް ފައިސާ ބޭނުންކޮށްގެމް އިންވެސްްޓްކުރެވޭ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.އިންވެސްޓަރުންނަށް ކޮންމެ ދުވަހަކު، އެ ފަރާތެއްގެ އިންވެސްޓްމެނޓް ދަރަކަ އަށް ބިނާކޮށް، ޕްލެޓްފޯމުގެ ވަކި ބަޓަން އަކަށް ފިއްތާލުމުން، އާޓިފިޝަލް އިންޓަލިޖެންސް ޓެކްނޮލޮޖީގެ އެހީގައި ކްރިޕްޓޯ ގްރިޑް ޓްރޭޑިންގް ކުރާ ކަމަށް ދައްކުވައިދޭ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީއާބެހޭ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިންވެސްޓެމެންޓް ފަންޑު ރަޖިސްޓްރީކޮށް ހިންގުމާއި ބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މިފަދަ އިންވެސްޓްމެންޓް ސްކީމްތައް ހިންގަންވާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ ގައި ރަޖިސްޓްރީކޮށް ހުއްދަ ނަގައިގެން ކަމަށެވެ.
އެހެންނަމަވެސް، ޖީ.އެމް.ސީ.އީ ހިންގަނީ ސީއެމްޑީގައި ރަޖިސްޓްރީކޮށްގެން ނޫން ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ ޖީއެމްސީއަކީ އޮޅުވާލައިގެން ހިންގަމުންދާ ޕިރަމިޑް ސްކީމެއްކަން ކަށަވަރުކުރެވިފައިވާ ކަމަށާއި މި ސްކީމުގައި އާޓިފިޝަލް އިންޓަލިޖެންސް ޓެކްނޮލޮކީ ބޭނުންކޮށްގެން ކްރިޕްޓޯ ގްރިޑް ޓްރޭޑިން ކުރާކަމަށް ދެއްކި ނަމަވެސް އެއީ އޮޅުވާލުމެއް ކަމަށެވެ.
ފުލުހުން ވަނީ ޓެކްނޮލޮޖީއާއެކު ތައާރަފުވަމުންދާ މިފަދަ ޕިރަމިޑް ސްކީމްތަކުގައި އިންވެސްޓް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ ބަޔާނުގައި ބުނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އަތޯރިޓާއާއި ފުލުހުންގެ ހިދުމަތުން ގުޅިގެން މި މައްސަލަ ބޭރުގެ އެޖެންސީތަކުގެ އެހީއާއެކު ތަހުގީގުކުރަމުންދާ ކަމަށެވެ، އަދި މި ސްކީމް ހިންގައި، ޕްރޮމޯޓްކޮށް އަދި އޭގައި ބައިވެރިވުމަށް މީހުން ހޯދުމުގައި ޝާމިލްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.