ރަށު ފަތުރުވެރިކަމުގެ މަސައްކަތްތަކަށް ދޭ ލޯނަށް ކުރިމަތިލާން ހުޅުވާލައިފި
Rashu fathuruverikamuge masahkaiy thakah dhey loan ah kurimathilaan hulhuvaalaifi

ރަށު ފަތުރުވެރިކަމުގެ މަސައްކަތްތައް ކުރުމަށް ހާއްސަ ލުއިލޯނެއް އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނެންސް ކޯޕަރޭޝަން، (އެސްޑީއެފްސީ)އިން ތައާރަފުކޮށްފިއެވެ.
“ތިޖާރާ ރަށު ފަތުރު”ގެ ނަމުގައި ތަޢާރަފުކުރި މި ލޯން ސްކީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ޝަރިއްޔާގެ އުސޫލުން ލޯނުދިނުމަށް އުފެއްދި ސްކީމެކެވެ.އެގޮތުން ގެސްޓްހައުސް އިމާރާތްކުރުމަށާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ތަފާތު ވިޔަފާރި ހަރަކާތްތައް ހިންގުމަށްވެސް ލޯނަށް އެދި ހުށަހެޅޭނެއެވެ.
މީގެ އިތުރުން ގެސްޓްހައުސް މަރާމާތުކޮށް ނުވަތަ އިމާރާތް އިތުރަށް ކުރިއެރުވުމަށާއި ގެސްޓްހައުސްގައި ރެސްޓޯރަންޓް، ކެފޭ ނުވަތަ ވޯޓަރ ސްޕޯޓްސްފަދަ ފަތުރުވެރި ހަރަކާތްތައް ފެށުމަށާއި ޓެކްނޮލޮޖީގެ އެހީގައި ވިޔަފާރިކުރިއެރުވުމަށް ވެސް ލޯން ދޫކުރުމަށް ވަނީ ހަމެޖހިފައެވެ.
މި ލޯނަށް އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭއިރު، މި ލޯން ސްކީމްގެ ދަށުން 5،000،000 މިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެއެވެ. މި ލޯން ދެއްކުމަށް ގްރޭސް މުއްދަތުގެ ގޮތުގައި 18 މަސް ދެއެވެ. އަދި ލޯން ދެއްކުމަށް ގިނަވެގެން 10 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހަމަމިއާއެކު، ފައިނެންސިން ރޭޓްގެ ގޮތުގައި އަހަރަކު 9.5 އިންސައްތަ ދައްކަންޖެހޭ އިރު، ރަހުނެއް ދައްކަންޖެހޭނީ ލޯނަށް ނަގައި ފައިސާ ނުވަތަ ޖުމުލަ އެކްސްޕޯޝަރ 700،000 ރުފިޔާއަށްވުރެ މަތިވާނަމައެވެ.
”ތިޖާރާ ރަށު ފަތުރު“ އަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާއިރު،ޝައުޤުވެރިވާ ފަރާތްތަކަށް އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހުންނަ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އެވެ.