ލަސާ އިން މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް ވާދަކުރުމަށް މާލެއަށް: އުއްމީދަކީ ތަށި ނެގުން!
LASA in milo academy championship gai vaadhakurumah Male ah: unmeedhakee thashi negun!

ލާމު އެޕެކްސް ސްޕޯޓްސް އެކެޑަމީ (ލަސާ) އިން 14 އަހަރުން ދަށުގެ ކުޅުންތެރިންނަށް ބާއްވާ މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް ވާދަކުރުމަށް މާލެއަށް ފުރައިފިއެވެ.
ލަސާ އިން ޖުމުލަ 20 ކުޅުންތެރިންނާއެކު މާލެއަށް ފުރާފައިވާއިރު، ލަސާގެ މިފަހަރު އުއްމީދަކީ މުބާރާތުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމެވެ. ލަސާގެ ކޯޗު އަހުމަދު އަރީފް ބުނީީ، މިފަހަރުގެ އަމާޒަކީ ތަށިނެގުން ކަމަށާއި، ކުޅުންތެރިން ތިބީ މުބާރާތުގައި ވާދަކުރުމަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
ކޯޗު އަރީފް ބުނީ މިހާ ހިސާބަށް މިއާދެވުނީ ވަރަށް ގިނަ ބަޔަކުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އެގޮތުން، ހާއްސަކޮށް ގަމު ކައުންސިލާއި، އަމިއްލަ ފަރާތްތަކުންވެސް ވެދިން އެހީތެރިކަމަށް ކޯޗު ވަނީ ޝުކުރުއަދާކޮށްފައެވެ. ކޯޗު ބުނީ މިހާ ހިސާބަށް އައުމުގެ އެންމެ މުހިއްމު އެއް ރޯލު އަދާކުރީ ކުޅުންތެރިންގެ ބެލެނިވެރިން ކަމަށެވެ.
“ބެލެނިވެރިންގެ ސަޕޯޓާއެކީ މިހާ ހިސާބަށް މި އާދެވުނީ. ބެލެނިވެރިން އަބަދުވެސް އެ ދޭ ހިތްވަރަށް ޝުކުރު އަދާކުރަން.”
ލަސާގެ ކޯޗު ބުނީ މުބާރާތަށް ކުޅުންތެރިން އެތިބީ ފުރިހަމައަށް ތަމްރީނުވެގެން ކަމަށާއި މިހާރު ލަސާގެ އަމާޒަކީ މައިލޯ އެކަޑަމީގެ ޗެމްޕިއަންކަން ކަމަށެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭ ހެންވޭރު ފުޓްބޯޅަ ސްޓޭޑިއަމްގައެވެ. އެގޮތުން، ލަސާގެ ފުރަތަމަ މެޗު އޮތީ މާދަމާ ހެނދުނު 08:30 ގައި ގާފަރު ފިއުޗަރ އެކަޑަމީއާ ދެކޮޅަށެވެ. ލަސާގެ ދެވަނަ މެޗު އޮތީ ނޮވެމްބަރު 1 ވަނަ ދުވަހު، އެސްޕަޔަރ އެކެޑަމީއާ ދެކޮޅަށެވެ. ނޮވެމްބަރު 2 ވަނަ ދުވަހު 3 ވަނަ މެޗު ކުޅޭއިރު، ލަސާ އިން ވާދަކުރަނީ އޮޑި އެކަޑަމީއާ ދެކޮޅަށެވެ.
މި މުބާރާތަކީ ރާއްޖޭގެ ހުރިހާ އެކެޑަމީތަކަށް ބާއްވާ މުބާރާތަކަށްވާއިރު، ލަސާއިން ވަނީ މީގެ ކުރިންވެސް މި މުބާރާތުގައި ބަައިވެރިވެ ފާހަގަކޮށްލެވޭ ވަނަތައް ހާސިލްކޮށްފައެވެ. ލަސާ އަކީ ލާމު އަތޮޅުގެ އެންމެ ކާމިޔާބު އެކަޑަމީއެވެ.




