ވިލިނގިލީ ބޮޑު ނިކަގަހަށް ދެވުނު ދަރަޖަ އަތޮޅު ކައުންސިލަށް ނުދެވުނު: އިސްމާއީލް އަލީ
Villingilli bodu nikagahah dehvunu dharaja atoll council ah nudhevunu: Ismail Ali

ދިވެހިރާއްޖޭގެ ރައީސުލްޖުމުރިއްޔާ، ވިލިނގިލީގެ ބޮޑު ނިކަގަހަށް ދިން ދަރަޖަ އަތޮޅު ކައުންސިލަށް ނުދެވުނު ކަމަށާއި، އަތޮޅު ކައުންސިލް އުވާލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް އިސްމާއީލް އަލީ ވިދާޅުވެއްޖެއެވެ.
ލާމަސީލުލާމު ހައްދުންމަތީ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްމާއީލް އަލީ ވިދާޅުވީ ހުރިހާ ހަރަކާތްތަކެއް ނިމި އަހަރެއްގެ ނިމުން ފާހަގަކުރާއިރު، އަތޮޅު ކައުންސިލުން ތިބީ އައު އަހަރަކަށް އުއްމީދުކޮށްގެން، ވަރަށް ގިނަ ޕްލޭންތަކަކާއެކުގައި ކަމަށެވެ. އެހެންނަމަވެސް އަތޮޅު ކައުންސިލްތައް އުވާލުމާއެކު ރައްޔިތުންގެ އުއްމީދުތައް ވިއްސި ވިހާލިވެގެން ދާ މަންޒަރު ފެންނަ ކަމަށް ވިދާޅުވިއެވެ.
އިސްމާއީލް އަލީ ވިދާޅުވީ، އަތޮޅެއްގެ ސިފައިގައި އެންމެން އެކުވެގެން ކުރާ މަސައްކަތްތަކުގެ ނިމުން އަތުވެއްޖެކަމަށާއި މިއީ ބަލައިގަންނަށް ފަސޭހަ ބަދަލެއް ނޫން ކަމަށެވެ. މީގެ އިތުރުން، ކަންބޮޑުވެލައްވަނީ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު ގެއްލިގެން ނޫން ކަމަށާއި ގެއްލިގެން މިދިޔައީ އެތައް ޒަމާނެއްގެ ތާރީޙި ލިޔެކިއުންތަކާއި، އަތޮޅު ފެންވަރުގައި ކުރެވުނު މަަސައްކަތްތައް ކަމަށް އިސްމާއީލް އަލީ ވިދާޅުވިއެވެ.
“އަތޮޅު ކައުންސިލް އުވާލިއިރު ވިލިނގިލީ ބޮޑު ނިކަގަހަށް ދެވުނު ދަރަޖަ އަތޮޅު ކައުންސިލަށް ނުދެވުނު. ދިވެހިރާއްޖޭގެ ރައީސުލްޖުމުހުރިއްޔާ ވިލިނގިލީ ރައްޔިތުން އެއްކުރަވާފައިި، ވިލިނގިޅިގެ ބޮޑު ނިކަގަސް ނަގަން ނިންމެވީ ވޯޓަކަށް އަހައިގެން، އެތާގައި ތިބި މީހުންގެ ރުހުމާއެކުގައި. އެހެންނަމަވެސް ރާއްޖޭގެ ތާރީހާ ގުޅިފައި އޮތް، އަތޮޅު ކައުންސިލް އުވާލަން ނިންމިއިރުގައި އެކައްޗެއް ވެސް އަހާލަން އެމަނިކުފާނު ބޭނުންފުޅެއް ނުވި.”
އިސްމާއީލް އަލީ ވިދާޅުވީ މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ބަދަލެއް ނޫން ކަމަށެވެ. އަތޮޅު ކައުންސިލްތައް އުވާލިނަމަވެސް ރަށު ކައުންސިލްތަކުން ލާމަސީލު ލާމު ޝިއާރުގެ ދަށުން މަސައްކަތްކުރެއްވުމަށް އިސްމާއީލް އަލީ ވަނީ އެދިވަޑައިގެންފައެވެ. ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު، އެހެން އަތޮޅުތަކާއި ހިލާފަށް ލާމު އަތޮޅަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު ކަން އިސްމާއީލް އަލީ ވަނީ ފާހަގަަކުރައްވަފައެވެ. އެގޮތުން، އަތޮޅު ކައުންސިލްގެެ 98 އިންސައްތަ މަސައްކަތް ނިންމުނު ކަމަށާއި، އަތޮޅަށް ޒިޔާރާތްކުރާމީހުން ގިނަވެ، އަަތޮޅުގެ މަގުބޫލުކަން އިތުރުވެފައިވާ ކަން ވެސް އިސްމާއީލް އަލީ ވަނީ ފާހަގަކުރައްވާފައެވެ.




