ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާ ފަށައިފި، ފުރަތަމަ މެޗުން ސްޓާލެޓް މޮޅު

ހައްދުންމަތީ މާމެންދޫ ކައުންސިލްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ކޮނާޑް ކައުންސިލް ވޮލީ ފިއެސްޓާ ފަށައިފި އެވެ.
ބުދަ ދުވަހުގެރޭ މުބާރާތް ފަށާފައިވާއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއި ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވާފައިވަނީ ގަމު ދާއިރާގެ އިންތިޚާބީ މެންބަރު، ޔޫސުފް ނަޝީދު (ޔޫތު) އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އަންހެން ޑިވިޝަނުގެ ސްޓާލެޓް އާއި ޑީޑީއެފް ދޫނީސް އެވެ. މި މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ސްޓާލެޓް އެވެ.
ސްޓާލެޓް އިން މެޗުގެ ސެޓުތައް ކާމިޔާބުކޮށްފައިވަނީ 25-12، 25-11 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސްޓާލިޓްގެ ޖާޒީ ނަންބަރު 17، ހައްވާ ފިއުރީން އެވެ.
ހަތަރު އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މިއަހަރު މުބާރާތް ބާއްވާއިރު، އަންހެން ޑިވިޝަނުގައި ޖުމްލަ 5 ޓީމެއް ވަނީ ބައިވެރިވެފަ އެވެ. ބުރާސްފަތި ދުވަހުގެރޭ އަންހެން ޑިވިޝަނުގެ ގުރޫޕު ބީގެ ފުރަތަމަ މެޗު ކުޅޭނެ އެވެ. މި މެޗުގައި ވާދަކުރާނީ ޓީމް އަޒުމް އާއި ޑީޑީއެފް ގާލްސް ޖެނެރޭޝަން އެވެ.