އިންތިޚާބުވެއްޖެނަމަ ގަމު އަންހެނުން ބާރުވެރިކޮށް، ފުދުންތެރި ބަޔަކަށް ހަދާނަން: ނީނާ
Ithikhaabi vehje nama gamu anhenun baaruverikoh fudhuntheri kuraanan: Neena

ގަމު އަންހެނުންގެ ކޮމެޓީއަށް ހޮވިއްޖެނަމަ، ގަމު އަންހެނުންނަކީ ބާރުވެރި، ފުދުންތެރި، ދުޅަހެޔޮ އަދި ވިލުންތެރި ބަޔަކަށް ހަދާނެ ކަމަށް ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާކަމަށް ކުރިމަތިލި އެމްޑީޕީ ކެނޑިޑޭޓް ނަމްބަރު – 1 މަރިޔަމް ނީނާ ވިދާޅުވެއްޖެއެވެ.
ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރެފައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ކަމަށް ކުރިމަތިލީ އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރުމުގެ ވިސްނުން ހުރުމުން ކަމަށް ނީނާ ވިދާޅުވިއެވެ.
“ކައުންސިލްގައި މަސައްކަތް ކުރާއިރު މުޅި ކޮމިއުނިޓީއަށް ފޯކަސްކުރަންޖެހޭ. އޭގެން އަންހެނުންނަށް އަސަރުކުރާ މިންވަރު ކުޑަވޭ.”
މިހާރު ގަމު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކުގައި ވެސް ކައުންސިލްގެ ފަރާތުން، ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ކައުންސިލް ފަޅިން ވަރަށް އެހީތެރިވެފައި ވާނެކަމަށް ވެސް ނީނާ ވަނީ ވިދާޅުވެފައެވެ.
ކައުންސިލްގެ ދައުރު ނިމެން ގާތްވެފައިވާކަން ފާހަަގަކުރައްވާ، ނީނާ ވިދާޅުވީ މުހިންމު މަސައްކަތްތަކުގެ ތެރޭގައި އަންހެނުންނަށް އާމްދަނީ ހޯދޭނެ ގޮތަށް މަސައްކަތުގެ ޕޫލްއެއް އެކުލަވާލައި، ގިނަ ބައެއް ޝާމިލްވާގޮތަށް ކުރިއަށް ގެންދެވުނު ހަރަކާތްތައް ހިމެނޭ ކަމަަށެވެ.
“އަންހެނުންގެ ކޮމެޓީގެ ރައީސާގެ މަގާމަށް އަޅުގަނޑު ހޮވަންވީ ސަބަބަކީ، އަޅުގަނޑުގެ ކިބައިގައި އެބަހުރި ގާބިލްކަން، ހުނަރު، މިކަމަށް ބޭނުންވާ އެކަށީގެންވާ އިލްމުވެސް އެބަހުރި.”
ނީނާ ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައިސާއެއް ގައިގައި ކޮމެޓީ ހިންގުމުގެ ގާބިލްކަމާއި ހުނަރާއި ތައުލީމު ހުންނަންޖެހޭ ކަމަށެވެ.




