އިންކަމް ޓެކުހުގެ ގޮތުގައި އަހަރުގެ ފުރަތަމަ 5 މަސްދުވަހު ދައުލަތަށް 2.7 ބިލިޔަން ރުފިޔާ ލިބިއްޖެ
Income taxge gothugai aharauge furathama 5 masdhuvahu dhaulathah 2.7 billion rufiyya libihjje

އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކުހުގެ ގޮތުގައި މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ދައުލަތަށް 2.7 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮޓޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 2.1 ބިލިޔަން ރުފިޔާއާ އަޅާ ބަލާއިރު 28.5 އިންސައްތަ އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުންނެވެ. އެގޮތުން މި ފަރާތްތަކުން 1.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 8.3 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ އިތުރުން ބޭންކްތަކުން ލިބުނު އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. ބޭންކްތަކުން ޓެކުހުގެ ގޮތުގައި 490 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 208 އިންސައްތަ އިތުރު އަދަދެކެވެ.
ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކާއި ވަގުތީގޮތުން ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން 735 މިލިޔަން ރުފިޔާ ލިބިފައިވާކަމަށް މީރާއިން ބުނެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 40 އިންސައްތައިގެ އިތުރުވުމެކެވެ. އަދި އަމިއްލަ ފަރުދުންގެ އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 214 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ 11.8 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ފަށާފައިވަނީ 1 ޖަނަވަރީ 2020 ގައެވެ. ނަމަވެސް އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފަށާފައިވަނީ އެ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
މި ގާނޫނު އޮންނަ ގޮތުން ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭ އާމްދަނީން ޓެކްސް ދައްކަންޖެހެއެވެ. ނަމަވެސް ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭނީ ހަމައެކަނި ރާއްޖެއިން ލިބޭ އާމްދަނީންނެވެ.




