ސަންޕާ ސަރަޙައްދަށް ދެން ވަދެވޭނީ އޮތޯރިޓީގައި ރަޖިސްޓްރީ ވެގެން
sanpa sarahahdhah dhen vadheveynee authoritygai register vegen

”ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ“ (ސަންޕާ) އަށް ވަންނަ އުޅަނދުތަކަކީ އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށް ވާންޖެހޭނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މިއީ އަރިއަތޮޅު ދެކުނުބުރީގެ ހިމާޔަތްކޮށްފައިވާ ސަރަހައްދު މެނޭޖްމަންޓް ޕްލޭންގެ ދަށުން ތަންފީޒުކުރުމަށް ނިންމާފައިވާ މުހިންމު ނިންމުމެކެވެ.
ދައުލަތުގެ މީޑިއާގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އެ ވުޒާރާގެ ޑިރެކްޓަރ އޮފް ޕްރޮޓެކްޓެޑް އޭރިއާސް، މުހްސިނާ ޢަބްދުއްރަޙްމާން ވިދާޅުވީ 2025 ވަނަ އަހަރު ސަންޕާ ސަރަޙައްދު ބެލެހެއްޓުމުގެ ޚާއްޞަ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ މި ޕްލޭންގެ ދަށުން އެކުލަވާލެވިފައިވާ އުސޫލުތަކާއި ގަވާއިދުތަކަށް އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްކަން އޭނާ ފާހަގަކުރެއްވިއެވެ. މުހްސިނާ ވިދާޅުވި ގޮތުގައި މިފަދަ ޕްލޭނެއް އެކުލަވާލުމުގެ މައިގަނޑު މަޤްޞަދަކީ އެ ސަރަޙައްދުގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމެވެ.
އުޅަނދުތަކާއި ގައިޑުންނަށް އައު އުސޫލުތަކެއް
މި ޕްލޭންގެ ދަށުން އެއްވަގުތެއްގައި އެ ސަރަޙައްދަށް ވަންނަ އުޅަނދުތަކާއި މީހުންގެ އަދަދު ކޮންޓްރޯލްކުރުމުގެ އިތުރުން، އުޅަނދުތައް ދުއްވަންޖެހޭ ބާރުމިން ވަނީ 10 ނޮޓްސްއަށް ވުރެ ބާރުނުވާނެހެން ހިފަހައްޓަން ނިންމާފައެވެ. އަދި އުޅަނދުތަކުގެ ބުރަފަތީގައި ”ޕްރޮޕެލާ ގާޑް“ ހަރުކުރުން މިމަހުގެ 30 އިން ފެށިގެން ވަނީ މަޖުބޫރުކޮށްފައެވެ. މީގެ އިތުރުން، 10 ފޫޓަށްވުރެ ކުދި އުޅަނދުތައް އެ ސަރަޙައްދަށް ވަނުމަކީ މަނާކަމެކެވެ.
ސަންޕާ ސަރަޙައްދަށް ގެސްޓުން ގޮވައިގެންދާ ގައިޑުންނަށްވެސް ވަނީ ހަރުކަށި ޝަރުތުތަކެއް ކަނޑައަޅާފައެވެ. ގައިޑުންނަކީ ރެސްކިއު ޑައިވަރުންނަށް ވުމުގެ އިތުރުން، ”އިމަޖެންސީ ފަސްޓް ރެސްޕޮންސް“ ސެޓިފައިޑް ބަޔަކަށް ވާންޖެހެއެވެ. އަދި ޚާއްޞަ ޓެސްޓަކުން %75 އަށްވުރެ މަތިން މާކްސް ހޯދަންޖެހޭއިރު، ކޮންމެ ގައިޑަކަށް އެއްފަހަރާ ގެންދެވޭނީ ގިނަވެގެން 6 މީހުންނެވެ.
ދިރާސާތަކާއި ބެލެހެއްޓުމުގެ މަސައްކަތް
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ސާވޭ އެންޑް ރިސާޗް، އަޙްމަދު ޝާން ވިދާޅުވީ 42 ކިލޯމީޓަރުގެ އެ ސަރަޙައްދު ބެލެހެއްޓުމުގައި ރޭންޖަރުން މިހާރު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ފާއިތުވި އަހަރުތަކުގައި ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި، އެ ސަރަޙައްދުން 8,000 އަށް ވުރެ ގިނަ ފަހަރު ފެހުރިހި ފެނިފައިވާއިރު، ވަކިވަކި 723 ފެހުރިހި ވަނީ ދެނެގަނެވިފައެވެ.
”މެނޭޖްމަންޓު ޕްލޭންގައި އަދިވެސް އެބަހުރި ރަނގަޅު ކުރަންޖެހޭ ބައިވަރު ކަންކަން. މީހުން މިޔަށް ބޯލަނބާ މިންވަރަށް ބަލާފައި ބައެއް ކަންކަން އިތުރުވެސް ވާނޭ، އަދި ބައެއްކަންކަން މަދުވެސް ކުރެވޭނެ،“ މުހްސިނާ ވިދާޅުވިއެވެ. މި އައު ޕްލޭންގެ ސަބަބުން ސަރަޙައްދު ތޮއްޖެހުން ކުޑަވެ، ތިމާވެށި ރައްކާތެރިކުރުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވުޒާރާއިން އުންމީދު ކުރެއެވެ.




