”ދަނޑުވެރި ނަފާ“ ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި
"dhanduveri nafaa" loanu islaamee usoolah badhalukohffi

ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، ދަނޑުވެރިންނަށް ފަސޭހަގޮތެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ”ދަނޑުވެރި ނަފާ“ ލޯނު ސްކީމް، އިސްލާމީ އުސޫލުތަކާ އެއްގޮތަށް އަލުން އެކުލަވާލައި މިއަދު ތައާރަފްކޮށްފިއެވެ.
މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްއެމްއީ ޑިޖިޓަލް) ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަށް ގެނައި ބަދަލަކީ ކުދި ވިޔަފާރިތަކަށް ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ފޯރުކޮށްދިނުމަށާއި، އެސްއެމްއީ ޑިޖިޓަލް ފުރިހަމަ އިސްލާމިކް ފައިނޭންޝަލް އިންސްޓިޓިއުޝަނަކަށް ބަދަލުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ބައެއް ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. މި ސްކީމަކީ ރާއްޖޭގެ ދަނޑުވެރިންނަށް އިގްތިސާދު ފުޅާކުރުމަށް އިންވެސްޓް ކުރެވޭނެ މަގުތައް ފަހިކޮށްދިނުމަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.
މި ފައިނޭންސިންގ ސްކީމްގެ ދަށުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 500,000 ރުފިޔާއާ ހަމައަށް ރަހުނަކާ ނުލާ ފައިނޭންސް ފޯރުކޮށްދޭއިރު، ރަހުނެއް ހިމެނޭހެން 1,000,000 ރުފިޔާއާ ހަމައަށް ފައިނޭންސް ލިބޭނެއެވެ. މި ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. މިއީ އަހަރަކަށް %6 ގެ ރޭޓުން ދޫކުރެވޭ، ރާއްޖޭގައި މިވަގުތު ދަނޑުވެރިންނަށް ދެވޭ އެންމެ ކުޑަ ރޭޓުގެ ފައިނޭންސިންގްއެވެ.
މި ސްކީމް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިންގާ ޒަމާނީ ދަނޑުވެރިކަމުގެ މަޝްރޫއުތަކަށެވެ. އޭގެ ތެރޭގައި އާރބަން އެގްރިކަލްޗަރ، ޕްރޮޓެކްޓަޑް އެގްރިކަލްޗަރ، ވަރޓިކަލް ގާޑްނިންގ، ޕޯލްޓްރީ، ވެލިއު އެޑިޝަން އަދި އެގްރޮފޮރަސްޓްރީ ފަދަ މަސައްކަތްތައް ހިމެނެއެވެ. މީގެ އިތުރުން ވެޓެރިނަރީ ސަރވިސް އާއި ޕެޓް ފާރމް ފަދަ ޖަނަވާރުގެ ދުޅަހެޔޮކަމާ ގުޅުންހުރި މަސައްކަތްތަކަށްވެސް ފައިނޭންސް ދޫކުރާނެއެވެ.
މިކަމާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ، ބަދުރުއްދީން ހަސަން ވިދާޅުވީ، ”ދަނޑުވެރި ނަފާ އިސްލާމީ ޝަރީއާގެ އުސޫލުތަކަށް ފެތޭ ފެސިލިޓީއަކަށް ބަދަލުކުރުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިސްލާމީ ހަމަތަކުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް“ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ވަސީލަތްތައް ލުއި ގޮތެއްގައި ފޯރުކޮށްދެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ފައިނޭންސިންގގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ މަސައްކަތް ފުޅާކުރުމަށް ބޭނުންވާ ގާބިލުކަން ލިބި، ގައުމުގެ އިގްތިސާދަށް ދަނޑުވެރިކަމުގެ ސިނާއަތުން ލިބޭ މަންފާ އިތުރުވެގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ގަބޫލުކުރެއެވެ.




