އާއްމުކޮށް ހުޅުވާލައިގެން އެމްއާރް ވެކްސިން ދޭން ފަށައިފި
Aanmukoh hulhuvaalaigen MR Vaccine dheyn fashaifi

ހިމަބިހިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އާއްމުކޮށް ހުޅުވާލައިގެން ވެކްސިން ދިނުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފިއެވެ. ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހީގެ އައުޓްބްރޭކެއް މިއަހަރުގެ މޭ މަހުން ފެށިގެން ފާހަގަކުރެވިފައިވާއިރު، މިހާތަނަށް ޖުމްލަ 22 ކޭސް ވަނީ ފެނިފައެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި، ބައްޔަށް ޕޮޒިޓިވްވި ގިނަ މީހުންނަކީ 18 އަހަރުން މަތީގެ ދިވެހިންނެވެ. މި ބައްޔާ ގުޅިގެން ޖުމްލަ 543 ކޮންޓެކްޓުން ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 173 މީހަކު އެކްޓިވް ކޮންޓެކްޓުންގެ ގޮތުގައި ދަނީ މޮނިޓަރ ކުރަމުންނެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ ފޭސްތަކަކަށް ބަހާލައިގެން ވެކްސިން ދިނުމުގެ ޕްރޮގްރާމެއް ފަށާފައެވެ.
ވެކްސިން ދިނުމުގެ މަރުހަލާތައް
މި ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޞިއްޙީ ޚިދުމަތްތެރިންނާއި 18 އަހަރުން ދަށުގެ ކުދިންނަށެވެ. މި އުމުރުފުރާއަށް ޖޫން 28 އިން 30 ގެ ނިޔަލަށް ވެކްސިން ދިނުމަށް ވަނީ ނިންމާފައެވެ. ދެވަނަ މަރުހަލާގައި 30 އަހަރުން ދަށުގެ، ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ޖޫން 30 އިން ފެށިގެން ވެކްސިން ދޭން ފަށާނެއެވެ. މީގެ އިތުރުން، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ޚާއްޞަ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.
މާލޭ ސަރަހައްދުގައި ވެކްސިން ދޭނެ ތަންތަނާއި ގަޑިތައް އެޗްޕީއޭގެ ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާއިރު، އަތޮޅުތަކުގެ މަރުކަޒުތަކުން ޚިދުމަތް ދޭ ގަޑިތައް އެ މަރުކަޒުތަކުން ވަކިން އިޢުލާނު ކުރާނެއެވެ. މިހާތަނަށް 220 ކޮންޓެކްޓުންނަށާއި، ފްރަންޓްލައިންގައި މަސައްކަތްކުރާ 1,537 ޞިއްޙީ ޚިދުމަތްތެރިންނަށް ވަނީ ވެކްސިން ދީފައެވެ.
ހިމަބިހީގެ ހާލަތާ ގުޅިގެން ޞިއްޙީ ޚިދުމަތްތެރިން ހޭލުންތެރިކުރުމާއި ތަމްރީން ދިނުމުގެ ސެޝަންތައް ކުރިއަށްގެންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ބަލި މޮނިޓަރ ކުރުމުގެ ސަވައިލަންސް މަސައްކަތްތައް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް އެ އެޖެންސީން ދަނީ ހިންގަމުންނެވެ.




