އެލްނީނޯ އުފެދިފައިވުމާއެކު، ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރު މޮނިޓަރކުރަނީ: މެޓް

alnino ufedhifaivumaaeku, rajjeyge moosumah kuramudhaa asaru moniterkuranee: MET

ޕެސިފިކް ކަނޑުގެ ސަރަޙައްދުގައި އެލްނީނޯ އުފެދިފައިވުމާއެކު، ރާއްޖޭގެ މޫސުމަށް ކުރަމުންދާ އަސަރުތައް ވަރަށް ގާތުން މޮނިޓަރކުރަމުންދާ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަޙައްދުތަކުގެ ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މިހާރު ހުރީ އާންމު މިންގަނޑަށްވުރެ މަތީގައި ކަމަށެވެ.

އެލްނީނޯ އަކީ ކަނޑުގެ ސަތަހައިގެ ހޫނުމިން އާދަޔާ ޚިލާފަށް މަތިވުމުގެ ސަބަބުން ކުރިމަތިވާ ޤުދުރަތީ މޫސުމީ ހާލަތެކެވެ. މީގެ ސަބަބުން ދުނިޔޭގެ ވައިގެ ދައުރުވުމާއި، ޕްރެޝަރާއި، އަދި ވާރޭވެހޭ ގޮތަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. އާންމު ގޮތެއްގައި މި ހާލަތު 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާއިރު، ބައެއް ފަހަރު މިއަށްވުރެ ގިނަ ދުވަސްތަކަކަށްވެސް މިކަން ދެމިގެންދެއެވެ.

މެޓް އޮފީހުން ވިދާޅުވި ގޮތުގައި، އެލްނީނޯގެ ސަބަބުން ބައެއް މަސްމަހު އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭއިރު، އަނެއްބައި މަސްމަހު ވާރޭވެހޭ މިންވަރު މަދުވެއެވެ. ”ކޮންމެ އެލްނީނޯ އަހަރެއްގައިވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތް ނުވެދާނެ،“ މެޓް އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

ރާއްޖޭގެ މޫސުމަށް ނުފޫޒު ފޯރުވަނީ ހަމައެކަނި އެލްނީނޯއިން އެކަނި ނޫންކަންވެސް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން އިންޑިއަން އޯޝަން ޑައިޕޯލް އަދި މެޑަން ޖޫލިއަން އޮސިލޭޝަން ފަދަ މޫސުމީ އެހެން ކަންތައްތަކުންވެސް ރާއްޖެއަށް ވާރޭވެހޭ މިންވަރަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.

އެލްނީނޯއަކީ ވަކި ތަރުތީބަކުން ނޫނަސް، ކޮންމެ ދެ އަހަރާއި ހަތް އަހަރަކުން އެއް ފަހަރު އަންނަ ބަދަލެކެވެ. މީގެ ސަބަބުން ދުނިޔޭގެ މޫސުމަށާއި، ދިރޭތަކެތީގެ ނިޒާމަށާއި، އަދި އިޤުތިސާދަށްވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާތީ، ކަމާބެހޭ އިދާރާތަކުން ދަނީ މިކަން ވަރަށް ގާތުން ބަލަމުންނެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments