ހިތަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތް: ޓީމް އެޗްއެޗްސީ ބަލިކޮށް، ފެކްޝަން އެސްސީ ފައިނަލަށް

މިހާރު ކުރިޔަށްދާ ހިތަދޫ ކައުންސިލް ވޮލީބޯޅަ މުބާރާތުގައި ޓީމް އެޗްއެޗްސީ ބަލިކޮށް، ފެކްޝަން އެސްސީ މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކޮށްފި އެވެ.
ފެކްޝަން އެސްސީން މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުކުރީ މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެގެނެވެ. އެގޮތުން، އާދީއްތަ ދުވަހުގެރޭ ޓީމް އެޗްއެޗްއެސްސީ ބަލިކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މިއާއެކު ފެކްޝަން އެސްސީ އަށް ވަނީ ދެ މެޗުން ހަ ޕޮއިންޓު ލިބިފަ އެވެ.
ފެކްޝަން އިން ވަނީ މެޗުގެ ފުރަތަމަ ދެ ސެޓު 25-9 އަދި 25-11 އިން ކާމިޔާބުކޮށްފަ އެވެ. ޓީމް އެޗްއެޗްސީ އިން ކުޅުން ރަނގަޅުކޮށް، މެޗުގެ ތިންވަނަ ސެޓު ކާމިޔާބުކުރީ 25-21 އިންނެވެ. ނަމަވެސް، ފެކްޝަން އިންވަނީ 25-22 ގެ ނަތީޖާއަކުން ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް، މެޗުން މޮޅުވެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކްޝަންގެ ބިދޭސީ ކުޅުންތެރިޔާ ނިރްމާނީ ސޮލުންޗާނާ އެވެ.
އާދީއްތަ ދުވަހުގެރޭގެ ދެވަނަ މެޗަށް ބަލާއިރު، ފެކްޝަން ޗެލެންޖުން ވަނީ ސީދާ ތިން ސެޓުން އެޗްސީ ކަނބަލުން ބަލިކޮށްފަ އެވެ. ފެކްޝަން ޗެލެންޖުން ސެޓުތައް ކާމިޔާބުކުރީ 25-22، 25-20 އަދި 25-19 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފެކްޝަންގެ މަރިޔަމް ހަމްނާ އެވެ.
ގުރޫޕު ސްޓޭޖުގެ ފަހު މެޗުތައް މިރޭ ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފެކްޝަން ޗެލެންޖާއި ޓީމް އެޗްއެޗްސީ އެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ މި މެޗުން މޮޅުވާ ޓީމަކަ ށެވެ. އަދި ދެވަނަ މެޗުގައި ފެކްޝަން އެސްސީ ނިކުންނާނީ އެޗްސީ ކަނބަލުންނާ ދެކޮޅަ ށެވެ.