ފެނަކައާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ދެ އަހަރުން ނިންމަނީ

Fenaka aai havaalu kuri gina mashroouthakeh 2 aharun ninmanee

ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވާ ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި، މިއަހަރާއި އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ޙުސައިން ވިދާޅުވެއްޖެއެވެ. ސަރުކާރުގެ މަޝްރޫއުތައް ފެނަކަ ފަދަ ކުންފުނިތަކާ ހަވާލުކުރަނީ ވީހާވެސް އަވަހަށް މަސައްކަތްތައް ނިންމުމުގެ މަގުސަދުގައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، ސަރުކާރުން އެ ކުންފުންޏާ ޖުމްލަ 217 މަޝްރޫއެއް ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަދި ފެށިފައި ނުވި ނަމަވެސް، މިހާރު ކުރަމުންދާ މަސައްކަތަކީ ސައިޓުތަކުގެ ތައްޔާރީތައް ނިންމައި ވީހާވެސް އަވަހަށް މަސައްކަތް ފެށުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ކުންފުންޏާ ހަވާލުވި ފަހުން ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 6 ސައިޓެއްގެ މަސައްކަތް ފަށާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.

މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމްޑީ ވިދާޅުވީ، ކޭޝްފްލޯގެ ދަތިތަކެއް ހުރި ނަމަވެސް މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ތައްޔާރުވެފައިވާ ކަމަށެވެ. ”އަޅުގަނޑުމެން ހުރިހާ ޕްރޮޖެކްޓަށްވެސް މިހިރީ ލާރިތަކެއް ކަނޑައަޅައި ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ތައްޔާރުވެފައި. ގާތްގަނޑަކަށް މިއަހަރު ތެރޭގައި ހުރިހާ ސައިޓެއްގެ މަސައްކަތް ފެށޭތޯ މި ބަލަނީ. މިއަހަރާއި އަންނަ އަހަރާއި އެކީގައި ހުރިހާ ސައިޓެއްގެ މަސައްކަތް ނިންމާލުވުމަށް މަސައްކަތް ކުރަމުންދަނީ،“ އަފީފް ވިދާޅުވިއެވެ.

މީގެ އިތުރުން، މީގެ ކުރިން މަސައްކަތްތައް ރޭވުމުގައި ހުރި ބައެއް އުނިކަންކަމުގެ ސަބަބުން ތަކެއްޗަށް ގެއްލުންވެފައިވާކަން އެމްޑީ ފާހަގަކުރެއްވިއެވެ. އެގޮތުން ފައުންޑޭޝަން އެޅުމުގެ ކުރިން ފުރާޅު އެޅުމަށް ބޭނުންވާ ތަކެތި ސައިޓަށް ގެނައުމ ފަދަ ކަންކަމުގެ ސަބަބުން ތަކެތި ހަލާކުވުމުގެ ފުރުސަތު ބޮޑުވި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު އެފަދަ ކަންކަން އިސްލާހުކޮށް، ނުނިމި ހުރި މަޝްރޫއުތައް ހަލުވިކަމާއެކު ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އަފީފް އިތުރަށް ވިދާޅުވީ، މަސައްކަތްތައް ލަސްވާނަމަ ރައްޔިތުންގެ އިތުބާރު ގެއްލޭނެ ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އަދި ފެނަކައާ ހަވާލުވެފައިވާ ހުރިހާ މަސައްކަތްތަކެއް 2028 ވަނަ އަހަރާ ހަމައަށް ނިންމަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމްޑީ އަފީފް ވަނީ ދެއްވާފައެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments