އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިޔަން ފަތުރުވެރިން ޒިޔާރާތްކޮށްފި
Aharuge mihaathanah raajje ah 1.1 million fathuruverin ziyaaraikohffi

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,132,142 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 1,189,777 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ފެންނަނީ 4.8 އިންސައްތައިގެ ދަށްވުމެކެވެ. މީގެ އިތުރުން މި ހިނގާ ޖުލައި މަހުގެ މިހާތަނަށް ރާއްޖެއަށް 62,260 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.2 އިންސައްތަ ދަށް އަދަދެކެވެ.
ފަތުރުވެރިންގެ އަދަދު ދަށްވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމެވެ. ނަމަވެސް، މެދުކަނޑާލި އެއާލައިންތަކުން އަލުން ދަތުރުތައް ފެށުމާއެކު މިހާރު ފަތުރުވެރިންގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 5,897 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރެއެވެ.
އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތައް
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ފަސް ގައުމަކީ:
1. ޗައިނާ: 184,080 ފަތުރުވެރިން
2. ރަޝިއާ: 160,605 ފަތުރުވެރިން
3. އިނގިރޭސިވިލާތް: 90,201 ފަތުރުވެރިން
4. އިޓަލީވިލާތް: 75,690 ފަތުރުވެރިން
5. ޖަރުމަނުވިލާތް: 70,114 ފަތުރުވެރިން
ޒިޔާރާތްކުރި ފަތުރުވެރިންގެ ތެރެއިން 1,116,565 ފަތުރުވެރިން އައިސްފައިވަނީ ވައިގެ މަގުންނެވެ. މީގެ ތެރެއިން 1,103,024 ފަތުރުވެރިން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން އެތެރެވެފައިވާއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އެތެރެވެފައިވަނީ 3,827 ފަތުރުވެރިންނާއެކު މާފަރު އިންޓާނޭޝަނަލް އެއާޕޯޓުންނެވެ.
މި ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ސަރުކާރުން ކުރަމުންދާ މަސައްކަތުން ކުރިއަށް އޮތްތަނުގައި މި ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ސަރުކާރުގެ އަމާޒަކީ މި ކުރިއެރުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމެވެ.




