25 ރަށެއްގައި ސޯލާ ހައިބްރިޑް ނިޒާމު ރަސްމީކޮށް އިފްތިތާޙުކޮށްފި

25 rashehgai solar hybrid nizaamu rasmeekoh ifthithaahukohffi

ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ޤާއިމުކުރި 6.4 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރިއަށްގެންދާ “ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމެންޓް” (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން ހިންގުނު މަސައްކަތެކެވެ.

ރ. އަތޮޅު ކިނޮޅަހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ނިޒާމުތައް ރަސްމީކޮށް ފައްޓަވައިދެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޢަލީ ޝަރީފެވެ. މި ރަސްމިއްޔާތުގައި އެ ވުޒާރާގެ އިސްވެރިންގެ އިތުރުން ފެނަކަ ކޯޕަރޭޝަނާއި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރުންނާއި، ފިނޭންސް މިނިސްޓްރީ އަދި ކިނޮޅަހު ކައުންސިލުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުއާވިއަތު މުޙައްމަދު ވިދާޅުވީ، ސޯލާ ހަކަތަ ބޭނުންކުރުމަކީ ރާއްޖޭގެ އިޤްތިސާދަށް ލިބޭނެ ބޮޑު ލުޔެއް ކަމަށެވެ. “މިއީ ރައްޔިތުންނަށް ވަރަށް މުހިންމު މަސައްކަތެއް. މިކަމުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީއިން އަހަރުން އަހަރަށް ތެލަށް ކުރާ ހޭދަ ކުޑަކުރެވޭނެ،” ޑރ. މުއާވިއަތު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި މި މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އިފްތިތާޙު ކުރި 25 ރަށުގެ ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓު ޕީކުގެ ސޯލާ ޕީވީއާއި 10 މެގަވޮޓު އަވަރގެ ބެޓަރީ ސްޓޯރޭޖް ހިމެނެއެވެ. މީގެ ސަބަބުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތްކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑުގެ މިންވަރު 8,400 މެޓްރިކް ޓަނުން މަދުކުރެވޭނެއެވެ. މި ނިޒާމުތައް ޤާއިމުކުރި ރަށްތަކުގެ ތެރޭގައި ރ. އަތޮޅުގެ 13 ރަށަކާއި ބ. އަތޮޅުގެ 12 ރަށެއް ހިމެނެއެވެ.

ޕޮއިސްޑް މަޝްރޫޢުގެ ދަށުން މިހާތަނަށް ޖުމްލަ 97 ރަށެއްގައި މަސައްކަތް ނިމި، 19.8 މެގަވޮޓުގެ ސޯލާ ޕީވީ ކެޕޭސިޓީ ވަނީ ޤާއިމުކޮށްފައެވެ. މީގެ އިތުރުން 23 ރަށެއްގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އެ މަސައްކަތްތައް 2027 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ 160 ރަށެއްގެ ކަރަންޓު އުފައްދާ ނިޒާމުތައް ހައިބްރިޑް ނިޒާމުތަކަށް ބަދަލުކުރުމެވެ.

ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މިއީ ރާއްޖޭގެ “ނޭޝަނަލީ ޑިޓަރމިންޑް ކޮންޓްރިބިއުޝަން” (NDC) ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments