އެއްބައިވަންތަކަން ދެމެހެއްޓޭނީ، ވެރިން އިހުލާސްތެރިކަމާއެކު މަސްއޫލިއްޔަތު އަދާކޮށްގެން: ހުތުބާ

Ehbaivanthakan dhemeheteynee, verin ikhlaastherikamaaeku masoolihyathu adhaakohgen: huthubaa

މުޖުތަމައުގެ އެއްބައިވަންތަކަމާއި ވަހުދަތު ރައްކާތެރިކޮށް ދެމެހެއްޓޭނީ، އެ މުޖުތަމައުގެ ކަންކަމާ ހަވާލުވެތިބޭ މީހުން އިހުލާސްތެރިކަމާއި ޒިންމާދާރުކަމާއެކު އެބައިމީހުންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

ހުތުބާގައި ބަޔާންކުރި ގޮތުގައި މުޖުތަމައުގެ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ކޮންމެ މީހެއްގެ ދީނީ އަދި ގައުމީ ވާޖިބެކެވެ.

ހުތުބާގައި ވިދާޅުވީ، ގައުމުގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައިފާނެ ކޮންމެ ކަމަކުން މުޖުތަމައު ސަލާމަތްކުރުމަކީ ހުރިހާ ފަރުދުންގެ ޒިންމާއެއް ކަމަށެވެ. އަދި ކޮންމެ މީހަކީވެސް އެމީހަކު މި ދުނިޔޭގައި ކުރި އަމަލުތަކާ މެދު މާތް ﷲ ގެ ހަޒުރަތުގައި ޖަވާބުދާރީވާން ޖެހޭނެ މީހެއްކަން ހުތުބާގައި ހަނދާންކޮށްދެއްވިއެވެ. ވަކިން ހާއްސަކޮށް، އެކި ފެންވަރުގެ ޒިންމާތަކާ ހަވާލުވެތިބި މީހުންނާ، ގިޔާމަތްދުވަހުން އެކަންކަމާ މެދު ވަކިވަކިން ސުވާލުކުރެވޭނެ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އިސްލާމީ މުޖުތަމައެއްގެ ތަރައްގީއާއި އެއްބައިވަންތަކަން ބިނާވެގެންވަނީ އަދުލުއިންސާފުގެ މައްޗަށް ކަމަށާއި، އަދުލުއިންސާފުގެ ކުރިމަތީގައި އެންމެންނަކީ ހަމަހަމަ ބައެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ. “އަހަރެމެންގެ ތެރެއިން ކޮންމެ މީހަކު ވެސް، އަދާކުރަމުންދާ ވަޒީފާއާއި މަސްއޫލިއްޔަތަކީ އަމާނާތެއް. ވަޒީފާ އަދާކުރުމުގައި ތެދުވެރިވެ، އިހުލާސްތެރިވާން ޖެހޭނެ،” ހުތުބާގައި ބަޔާންކުރެއްވިއެވެ.

މީގެ އިތުރުން، ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށްވުރެ މުޖުތަމައުގެ މަސްލަހަތަށް އިސްކަންދޭ ބައެއް ކަމަށާއި، ޒާތީ މަސްލަހަތު އެއްފަރާތްކޮށް ގައުމީ މަސްލަހަތު ކުރިއަށް ނެރުމަށް ހުތުބާގައި ގޮވާލެއްވިއެވެ. މުޖުތަމައުގެ ކުރިއެރުމާއި ތަނަވަސްކަން ބިނާވެގެންވަނީ ކޮންމެ މީހަކުވެސް އެމީހަކާ ހަވާލުވެފައިވާ އަމާނާތް ފުރިހަމައަށް އަދާކުރާ މިންވަރެއްގެ މައްޗަށް ކަމަށްވެސް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާ ނިންމާލަމުން ވިދާޅުވީ، ގައުމުގެ ވަހުދަތު ދެމެހެއްޓޭނީ ދެކޮޅުވެރިކަމާއި އަރައިރުންތަކުން ދުރުހެލިވެގެން ކަމަށެވެ. އަދި ކޮންމެ ފަރުދަކުވެސް ޒިންމާދާރު ގޮތެއްގައި މަސްއޫލިއްޔަތު އަދާކުރުމަކީ މުޖުތަމައުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.

ގުޅުން ހުރި ލިޔުންތައް

guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments